ޑަބްލިއުއެޗްއޯގެ މެމްބަރަކަށް ފަަސްތީނު ހެދުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

4 months ago

އަފްރާހް

77 ވަނަ ވަރލްޑް ހެލްތު އެސެންބްލީން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބައިވެރިވުމުގެ ފުރުޞަތުދެއްވުމަށް ނިންމެވި ނިންމެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. 


އެމަނިކުފާނު މިކަމަށް މަރުޙަބާ ވިދާޅުވީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.


‎މި ޕޯސްޓުގައި ޕަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ލިބިދިނުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް އެމަނިކުފާނުގެ ފުރިހަމަ ތާއީދުއޮތްކަން ފާހަގަކުރައްވަމުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގައި ފަލަސްޠީނުގެ ހައްޤުތަކާއި ދައުރު އިތުރަށް ފުޅާކުރުމަށް ހުށަހެޅި ޤަރާރާ އެއްކޮޅަށް ވޯޓުދިން 101 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވިއެވެ. 


މިއީ ޕަލަސްޠީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ފެންވަރުގައި ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.


‎މީގެ އިތުރުން ފަލަސްޠީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ލިބުމަކީ ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ކުރާކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ޞުލްޙަ ޤާއިމުކުރުމަށް ކޮންމެހެން މުހިންމުކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު