އިޒުރޭލް ޕާސްޕޯޓު މަނާކުރުމަށް ގޮވައިލާ މާލޭގައި އިހުތިޖާޖުކޮށްފި

4 months ago

އަފްރާހް

އިޒުރޭލް ޕާސްޕޯޓު މަނާކުރުމަށް ގޮވައިލާ މާލޭގައި އިހުތިޖާޖުކޮށްފިއެވެ.


މާލޭގައި ސަރުކާރުގެ އެންމެގިނަ އޮފީސް ހުންނަ އިމާރާތްކަަމަށްވާ ވެލާނާގެ ކައިރިއަށް އެއްވި އާންމުން ތިބީ ދެގައުމުގެ ދިދަ އާއި އިޒްރެލާ އިދިކޮޅު ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ. އަދި ފަލަސްތީނު މިނިވަން ކުރުމަށް ގޮވައިލާ، އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރުމަށް ވެސް ވަނީ ގޮވައިލާފައެވެ.


މީގެއިތުރުން އިޒްރޭލުގެ އުފެއްދުންތަކާއި އިޒްރޭލަށް ފަންޑު ކުރާ ކުންފުނިތަކުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވައިލާފައެވެ.


އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިސްލާހެއް ހުށަހެޅުއްވިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އެ އިސްލާހު ފާސްކޮށްފައެއް ނުވެއެވެ.


އެއާއަކު މީކާއީލް ވަނީ އަނެއްކާ ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ.


މީކާއީލް ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް އިމިގްރޭޝަންގެ ގާނޫނުގެ އަށްވަނަ މާއްދާގެ އަކުރެއްގައި އިޒްރޭލު ހިމަނާ ނަންބަރެއް އިތުރުކުރުމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުންނެވެ.


އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 40،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 80،000އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު