އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް ރައީސް ނިންމަވައިފި

4 months ago

އަފްރާހް

ދިވެހީން އެންމެ ބޭނުންވިގޮތަށް އިޒްރޭލު މީހުން ރާއްޖެ އައުން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.


އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް އެަނިކުފާނު ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ ވެސް އެކުގައެވެ.


ސަރުކާރުގެ މި ނިންމެވުން އިޢުލާންކުރެއްވީ ޖޫން ދެވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނެވެ.


އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.


މީގެ އިތުރުން ފަލަސްޠީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނެއެވެ.


ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށް ވެސް ވަނީ ނިންމަވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު