4 days ago
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސީނުކަރައަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ފުރާވަޑައިގެންފިއެވެ.
މިއީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
ނައިބުގެ މި ދަތުރުފުޅުގައި ވަނީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުން އިފްތިތާހްކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވެވި ގްރޫޕް ބައްދަލުވުމުގައި އެ މަނިކުފާނު ތަގްރީރު ކުރައްވާފައިވެއެވެ.
މީގެއިތުރުން ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ) ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއަރމަން ވާންގް ޔޮންގް، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ޗެއަރމަން ލުއޯ ޖާއޮހުއެއި އާއި ސީޕީޕީސީސީ ޔުނާން ސެންޓްރަލް ޕްރޮވިންސް ކޮމިޓީގެ ޗެއަރމަން ލިއު ސިއާއޮކައި އާއި ބައްދަލުކުރައްވާފައެވެ.
"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިންވަނަ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ވަނީ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޕޫލް (ޖީ.ޑީ.ޕީ.ޕީ) ގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ހިދުމަތް ފައްޓަވައިދެއްވައި، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓަރ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިންގ ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތަށްފަހު ނައިބު ވަނީ، ނޭޝަނަލް ކޮމިޓީ އޮފް ދަ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރަންސް (ސީ.ޕީ.ޕީ.ސީ.ސީ) ގެ ޗެއަރމަންގެ ނައިބު، ވާންގް ޔޮންގް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ފޯރަމްގެ ދެ ވަނަ ބައްދަލުކުރެއްވުމުގައި މިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނައިބު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅާއެކު މިއީ އެ މަނިކުފާނު އެގައުމަށް ކުރެއްވި މިފަދަ ދެވަނަ ދަތުރުފުޅެވެ.