4 days ago
ފެނަކަ ކޯޕަރޭޝަނުން ހއ. ކެލައަށް ފޮނުވި 400 ކިލޯވޮޓިގެ ޖެންސެޓު އިންސްޓޯލުކޮށްފިއެވެ.
މިކަމުގެ އަދާހަމަ ދިނުމަށް ފެނަކައިން 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފޮނުވި ޖެން ސެޓެއް ކަމަށެވެ.
"ހއ. ކެލާގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް ގެންދެވުނު 400 ކިލޯވޯޓްގެ ޖެންސެޓް މިހާރުވަނީ އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުންކުރަން ފަށާފައި." އެ ޕޯސްޓުގައި ވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ގެންދަވަނީ ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން މި އަހަރުގެ އޭޕްރީލް މަހު ވެސް ވަނީ 12 ރަށަކަށް600 ކިލޯވޮޓުގެ ޖެންސެޓް ތަކެއް ފޮނުވާފައެވެ.
ފެނަކައިން ޖެންސެޓް ފޮނުވާފައިވަނީ މ. ދިއްގަރު،ލ. ހިތަދޫ، ބ. ކަމަދޫ، ކިހާދޫ، މާޅޮސް، ރ. ހުޅުދުއްފާރު، މާކުރަތު، އަލިފުށި، ނ. މާފަރު، ހެނބަދޫ، އަދި ށ. މަރޮއްޓަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބްރާންޗްތަކުގެ ހާލަތު ހުރީ ވަރަށް ދައްކޮށް ކަމަށެވެ. އަދި އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރާފައިވާ ކަމަށެވެ.
މީގެއިތުރުން ފެނަކައިގެ ޖެންސެޓްތަކާއި އެކި އާލާތްތްތައް ހުރީ އެއްވެސް ވަރަކަށް މެއިންޓެނެސްގެ މަސައްކަތް ނުކޮށްކަމަށް ވިދާޅުވެފައި ވެއެވެ.