ނިމިދިޔަ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް ރުހުން ހޯދުން މާދަމާ

4 months ago

އަފްރާހް

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒިރުންނަށް ރުހުން ހޯދަން މާދަމާ ވޯޓު ނަގަން އެޖެންޑާކޮށްފިއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި ވަޒީރުންގެ ތެރެއިން ރުހުން ދީފައިނުވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ސައީދު އަލީ ސައީދާއި ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނައިބު އަލް އުސްތާޛު އަހްމަދު އުޝާމް އެވެ.


އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ބަންޑާރަ ނައިބު އުޝާމަށް ފެންނަ ކަމަށް 24 އަދި ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވިއިރު، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމަށް ފެންނަ ކަމަށް 30 ދެއްވިއެވެ. އަދި ނުފެންނަ ކަމަށް 31، ވަކިކޮޅަކަށް ދޭން ބޭނުންނުވާ 8 މެމްބަރުން ތިއްބެވެ.


މީގެއިތުރުން ހައުސިންގ މިނިސްޓަރު ހައިދަރަށް ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ.


އަލަށް އިންތިހާބުވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 66 ގޮނޑިއާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. އިދިކޮޅު އެމްޑީޕީން 89 ދާއިރާއަކަށް ވާދަކޮށް، ކާޟިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ.


މީގެއިތުރުން އެމްޑީއޭ އިން ދެ ގޮނޑި، ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ، ކޮންމެ ޕާޓީއަކަށް އެއްގޮނޑި ކާމިޔާބުކުރެވުނުއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވެއެވެ.


އެހެންނަމަވެސް މަޖިލިސް މެމްބަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން 9 ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. އެހެންކަމުން ޕީއެންސީގެ މެންބަރުގެ ޖުމްލަ އަދަދު މިހާރުވަނީ 75 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު