ކުރީ ސަރުކާރުން އުފެއްދި މަރުކޮމިޝަން އުވާލައިފި

4 months ago

އަފްރާހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އުފެއްދި މަރުކޮމިޝަން އުވާލައިފިއެވެ.


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދި އެ ކޮމިޝަން އުވާލާފައިވަނީ ޑރ. މުހައްމަދު މުއިއްޒު ޖޫން ދެވަނަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.


އެ ގަރާރުގައިވާ ވަނީ "2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2018/13 ގެ ޤަރާރުން، އުފެއްދި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އާއި މަތިކޮށްފައިވާ މަސައްކަތްތައް އެ ކޮމިޝަނުން ނިންމައިފައިވީ ހިނދު، ބަޔާންވެދިޔަ ކޮމިޝަން އުވައިލުމަށް ނިންމައި، އެކަން ކަނޑައެޅުމަށްޓަކައި މި ގަރާރު އެކަށައެޅީ" ކަމަށެވެ.


އެ ކޮމިޝަން އުފެއްދީ 2012 ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އަދި އެ މައްސަލަތަކުގައި އިންސާފު ނުލިބުނު ގިނަ މައްސަލަތަކެއް އަލުން ތަހުގީގުކޮށް އިންސާފު ގާއިމްކޮށް ދިނުމަށެވެ.


އެ ކޮމިޝަން އުފެދުނު ފަހުން އެންމެ އިސްކަމެއް ދީގެން ބެލާފައިވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާއި ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.


މަރު ކޮމިޝަން އުފެދިގެން އައި އިރު ފަސް މެންބަރުން ތިއްބެވިނަމަވެސް މަރު ކޮމިޝަނުގެ ރައީސަކަށް ހުންނެވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އާއި މެންބަރު އާދަމް މުހައްމަދު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަންގައި ތިއްބެވީ ތިން މެންބަރުންނެވެ. އެ ދެބޭފުޅުން ވެސް އިސްތިއުފާ ދެއްވާފައިވަނީ ޑިސެމްބަރު 8، 2019 ގައެވެ. އަދި އެއަށްފަހު 2021 ވަނަ އަހަރު އެ ކޮމެޓީގެ ރައީސް އަކަށް ގދ. ފަރެސްމާތޮޑާ، ބަގީޗާގެ، ފަރީޝާ އަބްދުﷲ ވަނީ އައްޔަން ކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު