އިސްލާމީ ނަޒަރުން ޢާއިލީ ގުޅުން ހަރުދަނާ ކުރުމުގެ ފަސޭހަ 6 ގޮތެއް

2 days ago

ރަމީޒު

މިއަދު، ޒަމާނީ މުސްލިމު ޢާއިލާތަކަށް ކުރިމަތިވެފައިވަނީ ޙަޤީޤީ ދުނިޔޭގައި ކާމިޔާބު ހޯދުމުގެ ނުހަނު ބޮޑު ޕްރެޝަރެކެވެ. އެއީ ވަރުގަދަ ޢާއިލާއެއްގެ އިސްލާމީ މާނައާއި، ޚިލާފު އުންސުރުތަކަކުން ފުރިގެންވާ ދުނިޔެއެކެވެ. މުޖުތަމަޢުގެ އާދަކާދަތަކާ ކުރިމަތިލައި، އަޅުގަނޑުމެންގެ ޢާއިލާތަކުގެ ތެރޭގައި އިސްލާމީ އަގުތައް ވަރުގަދަކުރެވޭނެ ގޮތްތައް ދެނެގަތުމަށްޓަކައި މަސައްކަތް ކުރުމަކީ ނުހަނު މުހިންމުކަމެވެ. އެހެންކަމުން މިމައުޟޫޢާއި ކުރިއަށް ދަމާ ހިނގާށެވެ.


ޢާއިލާގެ މުއައްސަސާއަކީ މުޖުތަމަޢުގެ އަސާސީ ބައެކެވެ. އަދި އޭގެ ގިނަގުނަ މަސްއޫލިއްޔަތުތަކުގެ ސަބަބުން އެއީ މުޖުތަމަޢުގެ އޮނިގަނޑުގެ މުހިންމު ބައެކެވެ. ޢާއިލާއެއްގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މުޖުތަމަޢުގެ އައު މެންބަރުން އުފަންކުރުމާއި ތަރުބިއްޔަތުކުރުމެވެ. އަދި ހަމައެހެންމެ، ޢުމުރުން ދުވަސްވީ މެންބަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެމީހުން ބެލެހެއްޓުމެވެ. މި މާނަ އަލުން ކިޔާލައިފިނަމަ، އިސްލާމީ ނަޒަރަކުން ދެކޭ ގޮތާ މާ ތަފާތެއް ނުވާނެއެވެ.


ޢާއިލާއެއްގެ ބަދަހިކަމާއި ގުޅޭގޮތުން ރިވާވެފައިވާ ޙަދީޘްތަކުގެ ތެރެއިން އެއް ޙަދީޘްގެ މާނާގައި ބަޔާންވެގެންވެއެވެ. "ﷲގެ މަގުގައި ތިބާ ހޭދަކުރާ ދީނާރެއް، ނުވަތަ އަޅަކު މިނިވަންކުރުމަށް ހޭދަކުރާ ދީނާރެއް، ނުވަތަ މިސްކީނަކަށް ޞަދަޤާތެއްގެ ގޮތުގައި ދޭ ދީނާރެއް، ނުވަތަ ތިބާގެ އަހުލުވެރިންނަށް (އެބަހީ: ޢާއިލާއަށް) ހޭދަކުރާ ދީނާރެއް، މީގެ ތެރެއިން އެންމެ ބޮޑު ޘަވާބު ލިބޭނީ ތިބާގެ އަހުލުވެރިންނަށް ހޭދަކުރާ ދީނާރަށެވެ." (މުސްލިމް).


ޝައްކެއްވެސް ނެތް ގޮތުގައި އިސްލާމްދީނުގައި މުސްލިމު ޢާއިލާއަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވެއެވެ. އަދި އާދަކާދައިގެ މަތިން އުޅޭ އާދަރްޝީ (ނަމޫނާ) މުސްލިމު ޢާއިލާއަކީ އިސްލާމީ ތަޢުލީމުތަކުގެ ވަރަށް ގިނަ ކަންތައްތަކުގެ ފާޅުކަން ބޮޑު މިސާލަކަށް ވެދާނެއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ދީނަށް ޠަބީޢީ ގޮތެއްގައި ލޯބިކުރުމާއި ވަކިކަމަށް ޝައުޤުވެރިވެ އެކަމަކަށް، މަގުފަހިކޮށްދޭ ގޭތެރޭގެ މާޙައުލެއް އުފެއްދުމަށް އަޅުގަނޑުމެންނަށް ކަށަވަރުކުރެވޭނީ ކިހިނެއްހެއްޔެވެ؟


މި މައުޟޫޢާ ގުޅޭގޮތުން އަޅުގަނޑު މިހުށައަޅާ ދެނީ ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށްފަހު، ކުތުބީ ލަރނިންގ.ކޮމް އިން ތިޔަބައިމީހުންގެ ޢާއިލާގައި އިސްލާމީ އަގުތައް ވަރުގަދަކުރުމަށް އެކުލަވާލި ފަސޭހަ ހަ ފިޔަވަޅެއްގެ ނުވަތަ ހަ ގޮތެވެ.


1). ޢާއިލާގެ ގޮތުގައި ލޯބިވުމާއި، އިޙްތިރާމްކުރުމާއި، ހިއްސާކުރުން:


މުސްލިމު ޢާއިލާއެއް ގުޅުވައިދޭ އެންމެ މުހިންމު އެއް ގުޅުމަކީ އެކަކު އަނެކަކު ދެކެ ލޯބިވުމާއި، އިޙްތިރާމްކުރުމާއި، އަގުވަޒަންކުރުމެވެ. އަދި ޢާއިލާގެ މެންބަރުންނާ މުޢާމަލާތްކުރާއިރު ރީތި އަދި ލޯބިވެތި ބަސްތައް ބޭނުންކުރުމަކީ އިސްލާމީ ތަޢުލީމުތައް ދައްކުވައިދޭ މުހިންމު ކަމެކެވެ. އަދި އެއީ އަޅުގަނޑުމެންގެ ގޭތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދާދޭ ކަމެއްވެސް މެއެވެ. ޢުމުރު ނުވަތަ މަޤާމަށް ބެލުމެއްނެތި ހަމަ ކޮންމެ މީހަކަށްވެސް އިޙްތިރާމްކުރުމަކީ މުހިންމު ކަމެކެވެ. އަދި މި އާދަ އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި އަށަގެންނެވުމަށް އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެން އަމިއްލައަށް އެކަމުގެ ނަމޫނާ ދައްކާ އެކަން ކުރުމެވެ. ތަނަވަސް ޢާއިލާއެއް ބިނާކުރުމުގައި، ބޮޑެތި މީހުންނަށް އިޙްތިރާމްކުރުމާއި، ކުޑަކުދިންނަށް ލޯބިކުރުމަކީ މުހިންމު އިސްލާމީ އުސޫލުތަކެކެވެ. މިކަން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ޘާބިތުވެއެވެ. އަންނަނިވި ޙަދީޘުން މިކަން ދޭހަކޮށްދެއެވެ. އިމާމު އައްތިރްމިޛީ ރިވާކޮށްފައިވާ މިޙަދީޘެއްގެ މާނައިގައިވަނީ "އަހަރެމެންގެ ތެރެއިންވާ ކުޑަކުދިންނަށް ރަޙުމްކުރުމާއި، ބޮޑެތި މީހުންނަށް އިޙްތިރާމްކުރުމާއި، އަދި ހެޔޮކަންތައް އަމުރުކުރުމާއި، ނުބައި ކަންތައް ނަހީކުރުން ނުހިމެނޭ މީހަކީ އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ" (ސުނަން އައްތިރްމިޛީ).


މިގޮތުން ތިޔަބައިމީހުންގެ ޢާއިލާގައި މި އިސްލާމީ ތަޢުލީމު ދައްކުވައިދެވިދާނެ ބައެއް ގޮތްތަކަކީ:


މީހަކު ވާހަކަދައްކާއިރު ސަމާލުކަމާއެކު އަޑުއެހުން


ނަސޭހަތަކަށް އެދޭ ހިނދު، މަޑުމައިތިރި ނަމަވެސް ރަނގަޅު ނަސޭހަތްތެރިވުން


ޢާއިލާގެ މެންބަރުންނަށް ލޯބިވެތިކަމާއި، ތަޢުރީފާއި، ކަންބޮޑުވުން ފާޅުކުރުން


ތިމާގެ އަތުގައި ހުރި ތަކެތި އެހެން މީހުންނާ ހިއްސާކުރުން


ޢާއިލާއަށް ނިންމުންތައް ނިންމާއިރު އެންމެން ބައިވެރިކުރުން


2). ޢާއިލާއެއްގެ ގޮތުގައި ﷲ ހަނދުމަކުރުން


ދީނަށް ލޯބިކުރާ ދަރިން ތަރުބިއްޔަތުކުރުމަކީ މިހާރު ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވެއެވެ. އަޅުގަނޑުމެންގެ ދީނުގެ ރީތި ކަމަކީ އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮތްގޮތުން ﷲ ހަނދުމަކޮށްދޭކަން ކަމެވެ. ނަމާދުކުރުމާއި، ޤުރްއާން ކިޔެވުމާއި، އަދި ކޮންމެ ދުވަހަކު ޛިކުރުކުރުން ފަދަ ކަންކަމުގެ ތެރެއިން، ޢާއިލާއެއްގެ ގޮތުގައި އެކުގައި ކުރުމަށް ކޮންމެ ބާވަތެއްގެ ހަނދުމަކުރުމެއްވެސް ޚިޔާރުކުރެވިދާނެއެވެ. އަޅުގަނޑުމެންގެ ޢާއިލާއިން އެންމެ ގިނައިން ކުރާ ކަންތައްތަކުގެ ތެރޭގައި ޤުރްއާން ކިޔެވުން ހިމެނެއެވެ. ތިޔަބައިމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި ދަރިންނާއެކު ޤުރްއާން ކިޔެވުމަށް ޢާއިލާގެ ބައްދަލުވުމެއްގެ އާދަ ހިމަނާށެވެ. މިއީ ތިޔަބައިމީހުންގެ ޢާއިލާގައި އިސްލާމީ އަގުތައް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާނެކަމެކެވެ. އަދި މިކަން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ ކީރިތި ޤުރްއާނުގެ އަލްއަޙްޒާބު ސޫރަތުގެ 33 އަދި 34 ވަނަ އާޔަތުންނެވެ. އެއާޔަތްތަކުގެ މާނައިގައިވެއެވެ. "އަދި ތިޔަބައިމީހުންގެ ގެތަކުގައި ކިޔަވައިދެވޭ ﷲ ގެ އާޔަތްތަކާއި ޙިކުމަތްތެރި ބަސްފުޅުތައް ހަނދުމަކުރާށެވެ!' (އަލްއަޙްޒާބު: 33-34).


ލޯބިވާ މީހުންނާއެކު ޤުރްއާން ކިޔެވުމަކީ ހަނދާންތައް އުފައްދައިދޭ މާޙައުލެއް އުފެއްދުމެވެ. އަދި އެއީ ތިޔަބައިމީހުންގެ ދަރިންގެ އީމާންކަން ވަރުގަދަކުރުމަށް އޮތް ރަނގަޅު ގޮތެއްވެސް މެއެވެ. މި ބާރުގަދަ ޢަމަލުތަކަށް އަޅުގަނޑުމެން ބޭނުންވަނީ ހިތްހަމަޖެހި، ބަލައިގަންނަ ޙާލަތެއްގައި ތިބުމެވެ. އެއީ އަވަދިނެތި ބިޒީކޮށް ހޭދަކުރާ ދުވަހެއްގެ ފަހުން ޢާއިލާއަކަށް ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިއްބައިދޭ ޙާލަތެކެވެ.


3). ޢާއިލާގެ ގޮތުގައި އިސްލާމްދީން ދަސްކުރުން


ޢާއިލާގެ ބޮޑެތި މީހުން ހިތްވަރާއެކު މައުޟޫޢެއް ދިރާސާކުރަން މަސައްކަތްކުރާ ހިނދު، އެކަމުން ޠަބީޢީ ގޮތެއްގައި ޅަފުރައިގެ މީހުންނަށްވެސް އެކަން ކުރުމަށް ހިތްވަރު ލިބިގެންދެއެވެ. އިސްލާމްދީން ދަސްކުރުމުގައި ޢުމުރަކީ ހުރަހެއް ނޫނެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. އެހެންކަމުން، މިއީ ތިޔަބައިމީހުންގެ ޢާއިލާއާއެކު ގުޅުން ބަދަހިކުރުމަށް އޮތް ފުރުޞަތެއްގެ ގޮތުގައި ދެކި އެގޮތުގެ ބޭނުންކުރާށެވެ. މިގޮތުން ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ދަރިން ޢުމުރާ އެކަށީގެންވާ އިސްލާމީ ތަޢުލީމުގެ ކޯސްތަކުގައި ބައިވެރިވެ، ދަސްކޮށްފައިވާ ކަންތައްތަކުން އެކަކު އަނެކަކު އިމްތިޙާނުކޮށް، ރަނގަޅު ވާދަވެރި ރޫޙެއް އުފައްދިދާނެއެވެ.


4). ޢާއިލާގެ ގޮތުގައި ހިނިތުންވެ، އެކުގައި ކުޅެ އުޅުން.


ޢާއިލާއާއެކު ތަފާތު ކުޅިވަރުތައް ކުޅެ މަޖާކުރުމަކީ އެކުވެރިކަމާއެކު ދެމިތިބުމަށާއި އިސްލާމީ އަގުތައް ވަރުގަދަކުރުމަށް ނުހަނު ބޭނުންތެރި މުހިންމު ކަމެކެވެ. މިކަމުން އިތުބާރު އުފެދި، އަނބިމީހާ އާއި،ފިރިމީހާއާއި، މައިންބަފައިންނާއި، ދަރިންނާ ދެމެދު ގުޅުން ބަދަހިވެގެންދާނެއެވެ.. ތިޔަބައިމީހުންގެ ގެއަކީ ހިނިތުންވުމާއި އުފާވެރިކަމުގެ ތަނަކަށް ހެދުމަށް މަސައްކަތްކުރާށެވެ. އޭރުން ޢާއިލާގެ މެންބަރުންނަށް މަޖާކުރުމަށްޓަކައި ގެއިން ބޭރަށް ދާކަށް ނުޖެހޭނެއެވެ. އަޅުގަނޑުމެންގެ ޢާއިލާއާއެކު ހިތްހަމަޖެހުމަށް ކުރަން ލޯބިވާ ބައެއް އާންމު ގޮތްތަކަކީ:


ގުދުރަތީ މާޙައުލުގައި ވަގުތު ހޭދަކުރުން


ބޭރުގައި ކުޅޭ ކުޅިވަރުތައް ކުޅުން


އެކުގައި ކެއްކުމާއި ޢާއިލީ ގޮތުން ކެއުމުގެ ވަގުތުތަކުގެ މަޖާ ލިބިގަތުން


ކިޔެވުމުގެ ބައްދަލުވުންތައް ބޭއްވުން


ރަނގަޅު ފިލްމެއް އެކުގައި ބެލުމުގެ މަޖާ ލިބިގަތުން


5). ޢާއިލާގެ ގޮތުގައި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރުން


ކީރިތި ޤުރްއާނުގައި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުން ބަޔާންކުރައްވާފައިވަނީ ﷲ އަށް އަޅުކަންކުރުމާއި މައިންބަފައިންނަށް ކިޔަމަންތެރިވުމުގެ ފަހުގައެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެއިލާހާ އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ! އަދި ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތްތިމާގެ ކަމުގެ ގޮތުން ގާތް އަވައްޓެރިޔާއަށާއި، އަދި (ގާތްތިމާގެކަމެއް ނެތް) ދުރު އަވައްޓެރިޔާއަށާއި، ގާތުގައިވާ ރަޙްމަތްތެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންގެ އަތްތަކުގެ ދަށުގައިވާ މީހުންނަށް (އެބަހީ: އަޅުންނަށް) ހެޔޮކޮށްހިތާށެވެ! ހަމަކަށަވަރުން، ﷲ ބޮޑާވެ ފަޚުރުވެރިވާ މީހަކަށް ލޯބިވެވޮޑިނުގަންނަވައެވެ"(އަންނިސާ: 36)


ޢާއިލާގެ ތެރޭގައި އިސްލާމީ އަގުތައް ވަރުގަދަކުރުމަކީ ފުޅާ ދާއިރާގެ ޢާއިލާއާއެކު ގުޅުން ދެމެހެއްޓުމާ ގުޅިލާމެހިފައިވާ ކަމެކެވެ. މިހާރު ކުރިއަރަމުންދާ އެންމެ ކުޑަމިނުގެ ޢާއިލާގެ އޮނިގަނޑުގެ ސަބަބުން، އަޅުގަނޑުމެން ގާތްތިމާގެ މީހުންނަށް އިހުމާލުވެ ނުވަތަ އެމީހުންނަށް ވަގުތު ނުދެވޭ ގޮތް ވެއެވެ. ތިޔަބައިމީހުންގެ ކޮއްކޮ ނުވަތަ ދައްތަގެ ދަރިންނާއި، ކާފަ އަދި މާމަ އާއި، ބޮޑުބޭބެ އާއި ،ބޮޑުދައިތަ އާ ބައްދަލުކުރުމަށް އިތުރު އަދި ހޭލުންތެރި މަސައްކަތެއް ކުރުމާއި، ހަދިޔާ ބަދަލުކުރުމާއި، އެމީހުންގެ ޙައްޤުތައް އަދާކުރުމާއި، އެމީހުންގެ އުނިކަންތައްތަކަށް މަޢާފުކުރުމަކީ އަޅުގަނޑުމެންގެ ދަރިންނަށް ގާތްތިމާގެކަމުގެ މުހިންމުކަން ދަސްކޮށްދޭ ކަމެއް އެކަންޏެއް ނޫނެވެ. އަދި އޭގެ އިތުރުން، އެކަމުން ތިޔަބައިމީހުންގެ ގެއަށް ﷲ ގެ ނިޢުމަތުން ފުރިފައިވާ ރަޙުމަތާއި ބަރަކާތް ލިބުމަށް މަގުފަހިވެގެންދާކަމެކެވެ.


6). ޢާއިލާގެ ގޮތުގައި ޞަދަޤާތްކުރުން


އެކުގައި ޞަދަޤާތްކުރުމަކީ ވަރަށް ބޮޑު ދަރުމަ ލިބޭ އަދި އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް ތިޔަބައިމީހުންގެ ޢާއިލާގެ އިސްލާމީ އަގުތައް ވަރުގަދަކޮށްދޭ ކަމަކަށް ވެދާނެއެވެ. ޞަދަޤާތް ނުވަތަ ހެޔޮކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ތަވާޟުޢުވެރިވާން އަދި ކޮންމެ ދުވަހަކު އަޅުގަނޑުމެންނަށް ލިބޭ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވެއެވެ. އަދި އެއީ ހިތް ސާފުކޮށްދޭ އަދި ތިޔަބައިމީހުން އެކަކު އަނެކަކާ ގާތްކޮށްދޭ ކަމެކެވެ. އެކަކު އަނެކަކަށް ހިނިތުންވުމަކީވެސް ޞަދަޤާތެއްކަން ތިޔަބައިމީހުންގެ ދަރިންނަށް އަންގައިދޭށެވެ. އަދި މީގެ މާނައަކީ ތިޔަބައިމީހުންގެ ދަރިންނަށް އިތުރަށް ހިނިތުންވުމެވެ. ޢާއިލާގެ ގޮތުގައި ޞަދަޤާތްކުރުމުގެ އެހެނިހެން ފުރުޞަތުތަކުގެ ތެރޭގައި ހިމެނެނީ:


• ޔަތީމު ކުއްޖަކު ސްޕޮންސަރ ކުރުން


• މުސްކުޅިންގެ މަރުކަޒަކަށް ޒިޔާރަތްކޮށް މުޖުތަމަޢުގެ އިސް މެންބަރުންނާއެކު ވަގުތު ހޭދަކުރުން


• ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތެއްގައި ރުހުމުގައި ބައިވެރިވުން


• ބޭނުންޖެހިފައިވާ މީހުންނަށް ކާނާ ތައްޔާރުކޮށް ބެހުން


• ޢާއިލާއާއި ރަޙްމަތްތެރިން ރޭގަނޑުގެ ކެއުމަށް ދަޢުވަތުދިނުން


މިއީ ތިޔަބައިމީހުންގެ ޢާއިލާގައި އިސްލާމީ އަގުތައް ވަރުގަދަކުރުމަށް ހުށައަޅާލަ ދެވުނު މުހިންމު 6 ޕޮއިންޓެވެ. އުއްމީދަކީ ފައިދާހުރި މައުލޫމާތު ކޮޅެއް ހުށައަޅާ ދެވުނުކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު