ކުރިން ބުނިއެތި ކެންސަލް، ރާޖު ކުމާރު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް

2 days ago

އަފްރާހް

އައްޑޫ ސިޓީން މާލެއަށް ދަތުރުކުރަމުންދިޔަ "ސީމެކްސް" ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ ނޭޕާލުގެ ރާޖު ކުމާރު ހޯދުމުގެ މަސައްކަތް ހުއްޓާލިކަމަށް ކުރިން ދެންނެވުނީ މައުލޫމާތުގެ ކުށަކުން ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.


އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ އަދާހަމަ ދެއްވަމުން އެ އިދާރާ އިން ވިދާޅުވީ ކުރީގެ އިންފޯރ ގައި އޮޕަރޭޝަން ހުއްޓާލި ކަމަށް ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ. އަދި އެކަމަށް މައާފަށް އެދޭ ކަމަށެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށްޓަކައި، އޮޔާއެކު މީހާ ދާނެކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި ޑިސެމްބަރ 20 ވަނަ ދުވަހު ސަރޗް އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އަދި މިސަރަހައްދުގައި ދަތުރުކުރާ އިންޓަރނޭޝަނަލް އުޅަނދުފަހަރާ ވެސް ކޯޑިނޭޓް ކުރަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ.


އެ އިދާރާ އިން އިތުރަށް ވިދާޅުވީ މި މަހުގެ 17 އަދި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ. އަދި 19 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ވަށައިގެން ވެސް ބަލައިފައިވާ ކަމަށެވެ.


އެ އޮޕަރޭޝަން ކުރިއަށްގެންގޮސްފައި ވަނީ ކަނޑުމަގުން ކަމަށާއި އެހެންނަމަވެސް ރާޖު ކުމާރު އަދިވެސް ފެނިފައިނުވާކަމަށް ވަނީ ވިދާޅުވެފައެވެ.


އައްޑޫ ސިޓީން މާލެއަށް ދަތުރުކުރަމުންދިޔަ "ސީމެކްސް" ބޯޓު އައްޑު އިން ފުރީ ޑިސެމްބަރ 16 ވަނަ ދުވަހުގެ ރޭ 11:30 ގައެވެ. އޭރު އެ ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ ނޭޕާލުގެ ރާޖު ބޯޓުގައި ހުރި ކަަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި އެރޭ ދަންވަރު 1:15 ގައި ބޯޓުގެ ކެޕްޓަނާ، އޭނާ ވާހަކަ ދެއްކި ކަމަށް ވެސް ބެލި ބެލުމުން އެންގޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު