1 day ago
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާދެއްވައިފިއެވެ.
އިސްތިއުފާ ދެއްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ފޮނުއްވި ސިޓީގައި ފަޒުލް ވިދާޅުވެފައިވަނީ އެމަގާމުގައި އޭނާ ހޭދަކުރެއްވި މުއްދަތުގައި، އެކި ގޮތްގޮތުން ކޮށްފައިވާ އަދި މިހާރު އެކިއެކި ޕްލެޓްފޯމުތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރުކުރައްވާކަމަށެވެ.
މީގެއިތުރުން އޭނާ އެ މަގާމަށް އައްޔަންކުރެއްވުމަށްފަހު، ކުންފުނީގެ ފަރާތުން މިހައިތަނަށް ކޮށްފައިވާ އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތައް ކަަމަށް ވިދާޅުވެފައި ވެއެވެ. އަދި ކުންފުނީގެ ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށް ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް އަށް ފޮނުއްވި ސިޓީގައި ބިންވެރިޔާ ސްކީމާ ގުޅިގެން އެޗްޑީސީ އަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ އެކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށް ވެސް ފަޒުލް ވަނީ ވިދާޅުވެފައެވެ. އަދި އެ ތުހުމަތުތަކުގެ ހަގީގަތް ވީއެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުމަށް އެދިވަޑައިގަންނަވާކަމަށް ވެސް އެ ސިޓީގައިވެއެވެ.
"މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނާކަށް އަޅުފގނޑު ނޭދެމެވެ."
ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދެއްވީ ބިންވެރިޔާ ސްކީމާގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމުގެ ގޮތުންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
— Fazul Rashyd (@FaZuLRaShYd) December 21, 2024