1 day ago
އެފްއާރްސީ ސޮކަރ ޓޯނަމެންޓުގައި މިރޭ ކުޅުނު މެޗުތައް ވީކޭ އޮރިޖިނަލް އާއި އޮޑި ޓީމުން ކާމިޔާބުކޮށްފިއެވެ.
މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗު ވީކޭ އޮރިޖިނަލް އިން ކާމިޔާބުކުރީ އެފްސީ ނަސްރު އާ ވާދަކޮށް 0-1 ލަނޑުންނެވެ. މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ނަދީމް އަޙްމަދުއެވެ.
ދެވަނަ މެޗު އޮޑި ޓީމުން ކާމިޔާބުކުރީ ރޮނޑާލި ޖޫނިއަރ އާ އޮޑި ޓީމުން ކުރި ހޯދީ 2 ލަނޑު 1 ލަނޑުންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޒިހާން ޒާހިރުއެވެ.
ޒުވާނުންނަށް އަމާޒުކޮށް، ހުރިހައި އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ 6 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަށް ބަހާލައިގެން ކޮންމެ ގުރޫޕަކުން ވެސް އެންމެގިނަ ޕޮއިންޓީ ހޯދާ ދެ ޓީމު ސެމީ ފައިނަަލަށް ދާ ގޮތަށެވެ.
މާދަމާ ރޭ ކުޅޭނީ މި މުބާރާތުގެ ސެމީފައިނަލު ދެ މެޗެވެ. ފުރަތަމަ މެޗުގައި ގުރޫޕް 1 ގެ އެއްވަނަ އާއި ގްރޫޕު 2 ގެ ދެވަނަ ޓީމު ބައްދަލުކުރާ މެޗު ފަށާނީ ރޭގަނޑު 8 ޖަހާއިރުއެވެ. އަދި ގުރޫޕު 2 ގެ އެއްވަނަ އާއި ގުރޫޕު 1 ގެ ދެވަނަ ބައްދަލުކުރާ ސެމީގެ ފަހު މެޗު ފަށާނީ 9 ޖަހާއިރުއެވެ.
ޑިސެމްބަރ 24 ވަނަ ދުވަހުގެ ރޭ ފައިނަލް މެޗު ކުޅޭ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ފޮލާ އެކްސެލެންސް ހަމަޖައްސާފައިވާއިރު، ކޯ-ސްޕޮންސަރއަކީ ރިލެކްސް ފެރީ ސަރވިސްއެވެ.