ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޑިމޮކްރެޓުން އެހެންޕާޓީތަކާ ގުޅެނީ

12 hours ago

އަފްރާހް

އެއްބަސްވެވޭ ހަމަތަކެއްގެ މަތިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޑިމޮކްރެޓުން އެހެންޕާޓީތަކާ ގުޅުމަށް ނިންމައިފިއެވެ.


އެ ޕާޓީން މިގޮތަށް ނިންމާފައި މިވަނީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް، ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީއަށް ހުށަހެޅުއްވި ގަރާރަކުންނެވެ.


އެ ގަރާރުގައި މިއީ ސަރުކާރު ހަމަ މަގަށް އަޅުވައި، ޒިންމާދާރު ކުރުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ ޕާޓީއަކީ ސަރުކާރުގައި ނުވަތަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރާ ޕާޓީއެއް ނަމަވެސް، ސަރުކާރުން ގަސްތުގައި އަދި އިހުމާލުން ރައްޔިތުންނާއި ރާއްޖެއަށް ބޭއިންސާފުވަމުންދާކަން ފާހަގަކޮށްފައި ވެއެވެ.


މީގެއިތުރުން ގެއްލުން ބޮޑު އެތައް ކަމެއް ތަކުރާރުކުރަމުންދާކަމަށާއި ސަރުކާރުން ދަނީ ގާނޫނު އަސާސީއިން ތަރުތީބުކޮށްފައިވާ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކުރަމުން ކަމުގައި ވެސް ބުނެފައި ވެއެވެ. އަދި ދައުލަތުގެ މުވައްސަސާތައް ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް ލިބޭ ގޮތަށް ބަދަލުކޮށް، ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ކުއްލި ބޮޑެތި ބަދަލުތައް ގެނެސް، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ދޮރުތައް ބަންދުކުރަމުން އަންނަކަމުގައި ވެސް ޑިމޮކްރެޓުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.


ޑިމޮކްރެޓްސް އިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ސިޔާސީ އިދިކޮޅު އެންމެބޮޑު ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވެސް ވަނީ ވަކި އުސޫލެއްގެ ދަށުން އެހެން ސިޔާސީ ޕާޓީތަކާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަން ދާދި ފަހުން އިގުރާރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު