7 hours ago
ޑރ. މުޙައްމަދު ޝަފީޤު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑަށް އައްޔަންކުރައްވައިފިއެވެ.
މާލީ ވަޒީރުގެ މަގާމުގައި ކުރިން ހުންނެވި ޝަފީގު، އެޗްޑީއެފްސީގެ ބޯޑު މެމްބަރެއްގެގޮތުގައި އައްޔަންކުރައްވާފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.
ޑރ. ޝަފީޤު ވަނީ އެޗްޑީއެފްސީގެ ފައިނޭންސް ހެޑްގެ މަގާމު ވެސް މީގެކުރިން އަދާކުރައްވާފައެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރ 17 ގައި މާލީ ވަޒީރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. މުޙައްމަދު ޝަފީޤްއެ މަގާމުން އިސްތިއުފާދެއްވީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.
އެޗްޑީއެފްސީއަކީ ގެދޮރު ގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، އުފެއްދި ކުންފުންޏެކެވެ.
އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 އިންސައްތަ ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރުއެވެ.