ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން ރާވާފައިވާ ކަންކަމަށް އެއްބާރުލުން ދޭނަން: މަޖިލިސް ރައީސް

6 months ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. 


މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވަނީ މިވަގުތު ރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. 


އެ ދެބޭފުޅުންވަނީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.


މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ސަރުކާރުން ދިވެހިރައްޔިތުންގެ ކުރިއެރުމަށް ކުރައްވަން ރާވާފައިވާކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު