ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

4 months ago

އަފްރާހް

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި އަސްކަރީ ތަމްރީނެއް ފުރިހަމަކުރަމުން ދަނިކޮށް ނިޔާވި ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި، އޭނާގެ އުފަށް ރަށް ރ.އުނގޫފާރުގައި ބާއްވައިފިއެވެ.


ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ ޖޫން ތިން ވަނަ ދުވަހުގެ އަސްރު ނަމާދަށްފަހު، އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ.


މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން، އާއިލާއާ ބައްދަލު ކުރައްވައި ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. އަދި ސަންދޯކުގައި އަޅާފައި އޮތް ރާއްޖޭގެ ޤައުމީ ދިދަ، ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.


ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވެފައިވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، މި މަހުގެ ދެވަނަ ދުވަހު ލ. މާވަށްކައިރީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ.ގަން ރީޖަނަލް ހޮޮސްޕިޓަލްގައެވެ. އޭނާ ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ޖޫން ތިން ވަނަ ދުވަހުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.


ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައި ވެއެވެ.


ރ. އުނގޫފާރުގައި ބޭއްވި މި ޖަނާޒާގައި ސިފައިންގެ އިތުރުން، ރ. އުނގޫފާރުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު