ޚަބަރު ރާއްޖެ

ފަލަސްތީނުގައި ޔަހޫދީ އިޒްރޭލުގެ ޖަރީމާތައް ދައްކުވައިދޭ ޑޮކިއުމެންޓްރީއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކަނީ

ފަލަސްތީނުގައި ޔަހޫދީ އިޒްރޭލުން ހިންގަމުން އަންނަ ހަނގުރާމައިގެ ޖަރީމާތައް ދައްކުވައިދޭ ޑޮކިއުމެންޓްރީއެއް ރާއްޖޭގައި ދެއްކުމަށް ތައްޔާރުވެއްޖެއެވެ.

 

"ދަ ފީނިކްސް އޮފް ގާޒާ" ގެ ނަމުގައި މި ޑޮކިއުމެންޓްރީ ދައްކަނީ މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަންގެ ފަރާތުންނެވެ.

 

މިކަމާއިގުޅިގެން އެ އެސޯސިއޭޝަންގެ މެމްބަރ ޑރ. ރަނާ އަހްމަދު ހަމީދު 'އޮއިވަރު' އަށް ވިދާޅުވީ މިއީ ގާޒާ ފަންޑަށް އެހީ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ އެވޯޑު ލިބިފައިވާ މި ޑޮކިއުމެންޓްރީ ޑައިރެކްޓް ކޮށްފައިވަނީ ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޔޫސުފް އަލް ހިލޫ ކަމަށެވެ.

 

މި ޑޮކިއުމެންޓްރީ ދެއްކުމަށް ނިންމާފައިވަނީ އޮގަސްޓް 4 ގައި އއ. ތޮއްޑޫ، އޮގަސްޓު 5 ގައި އޮލިމްޕަސް ސިނަމާގައި ދައްކާއިރު، 7 ވަނަ ދުވަހުގެ ރޭ އދ. އޮމަދޫގައި ދައްކާނެއެވެ. އަދި 9 ވަނަ ދުވަހު 8:30 ގައި ހުޅުމާލޭ ރެނާޓަސް ސިނަމާގައި ވެސް ދައްކާނެއެވެ. ކޮންމެ ޝޯވއެއް ވެސް ދައްކާނީ ރޭގަނޑު 8:30 ގައެވެ.

 

ޑރ. ރަނާ އިތުރަށް ވިދާޅުވީ ޓިކެޓެއް ވިއްކަނީ 150 ރުފިޔާއަށް ކަމަށާއި އޮލިމްޕަސް ކައުންޓަރުންނާއި އެސޯސިއޭޝަންގެ ހޮޓްލައިން 7219090 ނަމްބަރު ފޯނަށް ގުޅުމުން ޓިކެޓުގެ އިންތިޒާމު ހަމަޖެހޭނެކަމަށެވެ. އަދި 'އައި.އެމް.އޭ.އީ.' ގެ ސޯޝަލް މީޑިއާ އަށް މެސެޖް ކުރުމުން ވެސް ޓިކެޓު ގަންނަން ލިބޭނެކަމަށް ވިދާޅުވިއެވެ.

 

މިއީ 12 އަހަރުން މަތީގެ ފަރާތްތަކަށް ދައްކާ ޑޮކިއުމެންޓްރީއެއް ކަަމަަށާއި ދިގުމިނަކީ 45 މިނެޓު ކަމަށް ވެސް ޑރ. ރަނާ ވިދާޅުވިއެވެ. އަދި ފަލަސްތީނަށް އެހީވާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު އޮތް ކަމަށާއި 7770000168313 އަށް ފައިސާ ފޮނުވުމަށް ވަނީ އެދިލައްވާފައެވެ.

 

މި ހަރަކާތުގައި އޮމަދޫގެ ތަޒްކިޔާ ޖަމްއިއްޔާ އާއި މުހައްމަދު ޒުހައިރުގެ ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި، ޑރ. ރަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ލެގޫން ވިލާ މޯލްޑިވްސް، އަހްމަދު ނިހާން، އއ. ތޮއްޑޫ އަށް ވެސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

 

މި ޑޮކިއުމެންޓްރީ ދެއްކުމުގެ މައިގަނޑު މަގުސަދަކީ ފަލަސްތީނުގައި ހިނގަމުންދާ ޖަރީމާތަކާމެދު ދިވެހިން އިތުރަށް ހޭލުންތެރިކުރުވުމާއި ފަލަސްތީނަށް އެހީތެރިވުމަށް ހިތްވަރު ދިނުމެވެ. އަދި މި ޑޮކިއުމެންޓްރީން ލިބޭ ހުރިހާ އާމްދަނީއެއް ހަދިޔާކުރުމަށް ހަމަޖައްސާފައިވަނީ ފަލަސްތީނު ފަންޑަށެވެ.

 

މިއީ ރާއްޖޭގެ ސިނަމާއެއްގައި ފަލަސްތީނާ ގުޅޭ މިފަދަ ޑޮކިއުމެންޓްރީއެއް ދައްކާ ފުރަތަމަ ފަހަރެވެ. އަދި އޭޝިއާ ސަރަހައްދަަށް ވެސް މި ޑޮކިއުމެންޓްރީ އައި މިއީ ފުރަތަމަ ފަހަރެވެ.

 

 


  • މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަން
  • އިޒްރާއީލް
  • ފަލަސްތީން
  • ކޮމެންޓް