ޚަބަރު ރާއްޖެ

ރާއްޖޭގެ ސިއްހީ ދާއިރާ ވަރުގަދަކުރުމަށް އިންޑިއާ އާއެކު ސޮއި ކޮށްފި

އިންޑިއަން ފާމަކޯޕީއަ ކޮމިޝަން (އައި.ޕީ.ސީ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އާ ދެމެދު ފާމަކޯޕީއާ އެއްބާރުލުމާ ބެހޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) ގައި ސޮއިކޮށްފިއެވެ.

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

 

މިއީ ދެގައުމުގެ ދެމެދުގައި ސިއްހީ ދާއިރާގެ އެއްބާރުލުން ވަރުގަދަކޮށްދިނުމަށް އެޅިގެންދިޔަ ފާހަގަކޮށްލެވޭ ބިންގަލެކެވެ. މި އެމް.އޯ.ޔޫ އާއެކު، ރާއްޖެއިން އިންޑިއަން ފާމަކޯޕީއަ (އައި.ޕީ) ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭސްތަކުގެ ފެންވަރު ކަށަވަރުކުރުން އިތުރުވެ، ރެގިއުލޭޓަރީ މަރުހަލާތައް ހަލުވިވެގެންދާނެއެވެ.

 

މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމު ހަމަޖެހިގެންދާނެއެވެ.

 

މި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެއެވެ. އެގޮތުން ފެންވަރު ބެލުމުގެ ތަހުލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް (އައި.ޕީ.އާރް.އެސް) އަދި އިމްޕިއުރިޓީ ސްޓޭންޑަރޑްސް އައި.ޕީއާރް.އެސް މެދުވެރިކޮށް އެކަށީގެންވާ އަގުތަކެއްގައި ލިބިގެންދާނެއެވެ.

 

މި އެއްބާރުލުމުގެ ސަބަބުން ޖެނެރިކް ބޭސްތައް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ރާއްޖޭގައި ހެޔޮއަގުތަކެއްގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެއެވެ. ރާއްޖެ ފަދަ ގައުމަކަށް، މި އެމް.އޯ.ޔޫގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ހަރަދުތައް ކުޑަވެގެންދާނެއެވެ.

 

މި އިންޑިއަން ފާމަކޯޕިއާ ކޮމިޝަންގެ ފަރާތުން، އިންޑިޔާގެ ހައި ކޮމިޝަނަރު މިސްޓަރ ޝްރީ ޖީ. ބާލާސުބްރަމަނިއަން، އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ހެލްތު މިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އެމް.އޯ.ޔޫގައި ސޮއިކުރައްވާފައެވެ.

 

މިނިސްޓަރ ވިދާޅުވީ މި ބައިވެރިވުމަކީ ރާއްޖޭގެ ބޭސް ރެގިއުލޭޓްކުރުމުގެ އޮނިގަނޑާއި ސިއްހީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ދެއްވާ މުހިންމުކަން ދައްކުވައިދޭ ކަމެއްކަމުގައެވެ.

 


  • އިންޑިއާ
  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް