އެމަޖެންސީ މެޑިކަލް ރެސްޕޮންސް ހަރުދަނާ ކުރުމަށް އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ހަދިޔާކޮށްފިއެވެ.
މިކަަމަށްޓަކައި ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީ، އާއި ރައީސް މުޙައްމަދު މުޢިއްޒު އާއި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް އަދި ދެގައުމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ. މި ހެލްތް ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރ، ޕަވަރ ޖަނަރޭޓަރ، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެއެވެ.
ބޮޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ހިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީކޮށްފައިވާ މި މެޑިކަލް ކިއުބަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ.
ސެޓްއަޕް ރާވާލުމަށާއި، ފަރުވާގެ ކަންކަން ފެށުމަށް ނަގާނީ އެންމެ 12 މިނެޓުު ނަގާ މި ކިއުބްގައި އެކި ހާލަތްތަކުގައި ބޭނުންކުރާނެ ކިޓްތަކާއި ބޭހާއި ހާލަތައް ރިއާޔަތްކޮށް ހަދަންޖެހޭ ސެޓްއަޕް ހެދުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އަދި މި ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ "ބީޝްމް އެޕް" މެދުވެރިކޮށް މިނީ ކިއުބްތަކުގެ މައުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެއެވެ.
އިންޑިއާއިން ހަދިޔާކުރި މި ދެ ޕޯޓަބަލް ކިއުބް ހިންގުމުގައި ހަރަކާތްތެރިވާނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސް (އީ.އެމް.އެސް) އިންނެވެ. މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސް އަށް އިންޑިއާ ސަރުކާރުން ވަނީ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އާއި ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ވެސް ބާއްވާފައެވެ.
ޖުލައި 22 ން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމް ނަންގަވައިދެއްވީ އިންޑިޔާގެ ޑޮކްޓަރުންނާއި ޕެރަމެޑިކް އޮފިސަރުންގެ ޓީމަކުންނެވެ.
ރާއްޖޭގެ ފަރާތުން މި ޓްރޭނިންގ ޕްރޮގްރާމުގައި 20 ބޭފުޅުން ބައިވެރިވިއެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި، އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި، ބަޔޯމެޑިކަލް ބޭފުޅުންނާއި އަދި ނަރުހުން ހިމެނެއެވެ.