ޚަބަރު ރާއްޖެ

ރާއްޖެ އާއި އިންޑިއާގެ ގުޅުން މޫލާފައިވަނީ އެތައް ގަރުނެއްކުރިން: ރައީސް

ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން ބިނާވެފައިވަނީ ހަރުދަނާ ގުޅުންތަކާއި، ސާބިތު ބައިވެރިވުންތަކުގެ މައްޗަށް ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ މަނިކުފާނުގެ ޝަރަފުގައި ރޭ ބޭއްވެވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

 

ރާއްޖެ އާއި އިންޑިއާގެ 60 އަހަރުވީ ޚާރިޖީ ގުޅުމަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ ދެގައުމުން ހިއްސާކުރާ ތާރީޚާއި ދެގައުމުގެ ސާބިތު ބައިވެރިވުންތަކަށް އިޝާރާތްކުރައްވާފައެވެ. އަދި ދެގައުމުގެ ގުޅުމުގެ ހުދޫދަކީ ހަމައެކަނި ޚާރިޖީ ގުޅުންތައް ނޫންކަން ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން ރާއްޖެ އާއި އިންޑިއާގެ ގުޅުން މޫލާފައިވަނީ އެތައް ގަރުނެއް ކުރީއްސުރެ ގާއިމުވެ ބަދަހިވަމުންގޮސްފައިވާ އެކުވެރިކަމުގެތެރެއިން ކަމަށާއި އިންޑިއާ ކަނޑަކީ މި ގުޅުމުގެ ދިރުންހުރި ދަލީލެއްކަމަށް ވިދާލުވިއެވެ. އަދި ވިޔަފާރީގެ ބައިވެރިންގެ ގޮތުގައާއި އަވައްޓެރީންގެ ގޮތުގައި ދެގައުމުން ބިނާކޮށްފައިވަނީ ކަނޑާނުލެވޭ ފަދަ ވަރުގަދަ ގުޅުމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާއި، އެގައުމުން ރާއްޖެއާ އެކު ބާއްވަވާ އިހުލާސްތެރި ރަހުމަތްތެރިކަމަށްޓަކައި އެ މަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުގެ އަޒުމަކީ ޝާމިލު އަދި ދިރުންހުރި އިގުތިސާދެއް ބިނާކޮށް، ޒުވާނުން ބާރުވެރިކޮށް، ސަރަހައްދީ ގޮތުން އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރެއްވުން ކަމުގައިވެސް ވިދާޅުވިއެވެ.

 

މި އަމާޒަށް ވާސިލުވުމުގައި އިންޑިއާގެ އެހީތެރިކަމުގެ ބޭނުން ބޮޑުވާނޭކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

 


  • އިންޑިއާ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް