އިބަމަ، މ. އަތޮޅުގައި ގާއިމުކޮށްފި

4 months ago

އަފްރާހް

އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ ގްރޫޕްތައް އުފެއްދުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ.


ތިން ދުވަހުގެ މުއްދަތަށް މ. މުލީގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި އެއަތޮޅުގެ ހަ ރަށަކުން ޖުމްލަ 34 މީހުން ބައިވެރިވެފައިވެއެވެ.


ޔުނިސެފްގެ އެހީގައި މި މިވުޒާރާއިން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި އިބަމަ ގްރޫޕްތައް ރަށްރަށުގައި ޤާއިމުކުރުމުގެ ބޭނުމާއި، އިބަމައިގައި ހިމެނޭ މެންބަރުންގެ ޒިންމާތަކާއި، އަދާކުރަންޖެހޭ ދައުރާއި، އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިބަމައިގައި ހިމެނޭ މެންބަރުން ސަމާލުވާންވީ ކަންކަމާއި އަދި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭފޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.


ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ޙާލަތު ރަގަޅު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި މިމަސައްކަތްތައް ކުރުމަށް އިބަމަ މެމްބަރުންނަށް ބޭނުންވާނޭ ތަފާތު އެކި ހުނަރުތައް ތަރައްޤީ ކުރުމަށް ވެސް މި ތަމްރީން ޕްރޮގްރާމްގައި މަސައްކަތްކުރެވޭނެއެވެ. މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވެސް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.


މި ޕްރޮގްރާމް ނިމުމާއެކު މިވުޒާރާގެ ފަރާތުން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް މ. މުލީގައި މިހާރު ތިބި ޓީމާއެކު، ތަމްރީނުކުރެވުނު އިބަމަ މެންބަރުން އެ މެންބަރުން ނިސްބަތްވާ ރަށްރަށަށް ގޮސް، އެ ރަށްރަށުގައި ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައްޔާރުކުރާ ޕްލޭން އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އަތޮޅުގެ ހަ ރަށެއްގައި މި ހަފުތާ ތެރޭގައި ކުރިއަށްގެންދެވޭނެއެވެ.


މުލަކު އަތޮޅުގައި އިބަމަ ޤާއިމުކުރުމަށް މިހާރު ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި މ. އަތޮޅު ކައުންސިލް އިދާރާއާއި މުލީ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުން އަންނަކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ފާހަގަކުރައްވައެވެ.


އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ. މިހާތަނަށް ރާއްޖޭގެ 12 އަތޮޅުގެ ރަށްރަށުގައާއި ތިން ސިޓީއެއްގައި އިބަމަ ވަނީ އުފައްދާފައެވެ.


ކިޔުންތެރިންގެ ހިޔާލު