ޚަބަރު ރާއްޖެ

ޖަޕާނުގެ ކޮންމެ އެހީއެއްގެ ފައިދާ ދިވެހި ކޮންމެ ރައްޔިތަކަށް ކުރާނެ: މިނިސްޓަރ

ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، އަދި ޕާލަމަންޓަރީ ވައިސް މިނިސްޓަރ، މިސް އިކުއިނޯ އަކިކޯ، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

 

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ހާއްސަ މަންދޫބު އަދި އެކަމަނާގެ ވަފުދަށް މަރުހަބާ ދަންނަވައި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

 

މިގޮތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު މިވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަރައްގީއަށްޓަކައި، ހާއްސަކޮށް އުމްރާނީ ތަރައްގީއާއި އިންސާނީ ވަސީލަތްބިނާކުރުމަށް ފޯރުކޮށްދޭ އެހީ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމާއި މުވާސަލާތީ ދާއިރާގެ ތަރައްގީއަށް ޖަޕާނުން ފޯރުކޮށްދެއްވާފައިވާ އެހީ ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.

 

މިގޮތުން މިފަދަ ކޮންމެ އެހީއަކީ އެކަމުގެ ފައިދާ ރައްޔިތުންނާ ހަމައަށް ސީދާގޮތެއްގައި ލިބިގެންދާ އެހީކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ބިނާކޮށްފައިވާ މާލޭގެ ތޮށި، މަރާމާތުކުރުމަށްޓަކައި ވެދެއްވި އެހީ ފާހަގަކުރައްވައި، ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.

 

އެމަނިކުފާނުގެ ވާހަކަފުޅުގައި މާލެ ވަށައިގެން ލެވިފައިވާ ތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުން ކުރިޔަށްއޮތް ތަނުގައިވެސް ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމުގެ ޔަގީންކަން އައު ކުރައްވާފައިވެއެވެ.

 

މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ-އެޓް-ލާރޖް ޢަބްދުﷲ ޙަމީދު، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް، ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް އަދި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

 


  • ޖަޕާން
  • ފޮރިން މިނިސްޓަރ
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް