އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންނެވީ ހުކުރުދުވަހު ހެނދުނުއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި އެއަށްފަހު، ބޮޑުވަޒީރު މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވާފައިވެއެވެެ.
މިއީ ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ހާއްސަވެގެންދިޔަ ދަތުރުފުޅެކެވެ. ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ދެގައުމުގެ މެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރަސްމީ ވާހަކަތައް ކުރިއަށް ގެންދެވުނެވެ. އަދި ފަަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމާއި ދެގައުމުގެ ގުޅިފައިވާ ބަޔާނެއްވެސް ނެރުނެވެ.
މިދަތުރުފުޅުގެ އުސްއަލިތަކުގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ފެށުމާއި ދެގައުމުގެ ގުޅުން ރަމްޒީގޮތުން ފާހަގަކުރުމުގެ ގޮތުން ސަލްޓަންޕާކުގައި ބޭއްވެވި ގަސް އިންދުމުގެ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. އަދި މޯދީ ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި 2 "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ރައީސްއާ ހަވާލުކުރައްވާފައެވެ.
މިދަތުރުފުޅުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގ ހުޅުއްވައިދެއްވިއެވެ. އަދި ބޮޑުވަޒީރު މޯދީގެ ޝަރަފުގައި، ރައީސްގެ ދެކަނބަލުން ވަނީ ފުރަމާނަ ޖާފަތެއް ދެއްވާފައެވެ.
މީގެއިތުރުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ބޮޑުވަޒީރު މޯދީގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މޯދީ ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ، މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި އެމްއެންޑީއެފްގެ ގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑްވެސް ބައްލަވައިލައްވާފައެވެ.
ބޮޑުވަަޒީރު މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ބޮޑު ވަޒީރު މޯދީގެ މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި، ދެގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވިގެންދިޔަ ތާރީޚީ ދަތުރުފުޅެކެވެ.