ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ދެއްވުމަށް ހަމަޖެހިފައިވާ އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުން ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް މިސް އިކުއިނޯ އަކިކޯ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެއްވުމަށް ހަމަޖެހިފައިވާ 10.5 މިލިއަން ޔޫ.އެސް ޑޮލަރަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ދެއްވާފައިވާ އެހީއެކެވެ.
މާލެ ވަށައި ލާފައިވާ ތޮށީގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ފޮރިން މިނިސްޓަރ ވިދާޅުވީ އެތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށެވެ. އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަން ފާހަގަކުރެއްވިއެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކައުތެރިކަމަކީ މާލޭ ވަށައިލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި "އެކްސްޗޭންޖް އޮފް ނޯޓްސް" އަކީ މި މުހިއްމު މަޝްރޫއު ކުރިޔަށް ގެންދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރުވެގެންދާނެ ބޮޅެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ ދެގައުމުދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެގައުމު ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ހުޅުވާލެވިފައިވާ މިނިވަން އިންޑޯ ޕެސިފިކް ސަރަހައްދަކަށް ރާއްޖެއިން ތާއީކުރާކަން ތަކުރާރު ކުރެއްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޖަޕާނުން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވިއެވެ.