މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިއީ ސަރުކާރުން ފޯރުކޮށްދެއްވާ ސިއްހީ ހިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ގާއިމުކުރެއްވި ފިހާރައެކެވެ.
އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ ފިހާރަ ބައްލަވާލައްވައި، އެ ފިހާރައިން ހިދުމަތް ހޯއްދެވި ފުރަތަމަ ތިން ފަރާތާ، އައިނު ހަވާލުކޮށްދެއްވާފައެވެ.
އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސް އިއުލާންކުރެއްވީ މޭ މަހުގެ 31 ގައެވެ.
ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ގާއިމުކުރި މިތަނުން ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދެމުންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ އޮގަސްޓް މަހު ހުޅުމާލޭގައި އަދި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައި ވެސް، އައިނު ހެއްދުމުގެ ިދުމަތް ފައްޓަވައިދެއްވާނޭކަން އިއުލާންކުރައްވާފައެވެ.