މިނިވަން ދުވަހާއި ގުޅިގެން މާލެއަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންނަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ މުޖުތަމައުގެ އެހެން މީހުންނެކޭ އެއްގޮތަށް، މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ވެސް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެފަދަ ފަރާތްތައް މުޖުތަމައަށް އަނބުރާ ގެނައުމަށް ބާރުވެރިކުރުމަކީ ވެސް މަގުސަދެކެވެ.
ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ގުރައިދޫ މަރުކަޒުގައި މިވަގުތު ތިބި 16 މީހަކު ބައިވެރިވިއެވެ. މިޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.
ހެލްތު މިނިސްޓްރީއާއި އެޗްޑީސީ އަދި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓު ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށްފަހު، މިނިވަން ދުވަސް ފާހަގަކުރުމަށް ވަނީ ކޭކެއް ފަޅާފައެވެ. އަދި އާއިލާތަކާއި ބައްދަލުކުރުމާއި ހުޅުމާލޭގައި ކުރިއަށްދިޔަ ފުޅަނދު ބުރު ބަލާލުން ވެސް ކުރިއަށްގެންދިޔައެވެ.
މި ޕްރޮގްރާމަށް ފުލުހުންނާ ނަރސަސް އެސޯސިއޭޝަން، އަލްޒެއިމާސް އެސޯސިއޭޝަން އަދި މެންޓަލް ހެލްތް ފައުންޑޭޝަނުން ވެސް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ގާއިމުކޮށްފައިވަނީ 6 ޖޫން 1976 ގައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެކި ކަހަލަ ނަފްސާނީ ބަލިހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ މަރުކަޒެކެވެ.