މަރުހޫމް ޙަސަން ޞާބިރު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ދަފްތަރު ހުޅުވިފައި އޮންނާނީ މި ޖުލައި މަހުގެ 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10 ން މެންދުރުފަހު 1 ޖަހަންދެނެވެ.
އިއްޔެ އަވަހާރަވި ޙަސަން ޞާބިރަކީ، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ހާއްސަގޮތެއްގައި އެމަނިކުފާނު ފާހަގަވެގެންދަނީ ދިވެހި ގައުމުގެ އިގުތިސާދާބެހޭ ދާއިރާތަކުގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ރާއްޖެއިން ބޭރު ގައުމުތަކުގައި އިޝްތިހާރު ކުރެއްވުމަށް ވަރަށްބޮޑަށް ވަނީ މަސައްކަތްކުރައްވާފައެވެ.
މީގެއިތުރުން ރާއްޖޭގެ ޚާރިޖީ ދާއިރާގައި، ރާއްޖެއާއި އެކި ގައުމުތަކާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ވެސް ފާހަގަކޮށްލެވެއެވެ.
އަލްމަރްޙޫމް ޙަސަން ޞާބިރު އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގައި ކަމަށްވާތީ، ދަފްތަރު ހުޅުއްވުމަށް ރައީސް ނިންމެވީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގައެވެ.