ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅާ، އެއްބާރުލުން ދިނުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިފަދައިން ގޮވާލީ ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައިމަރުކަޒުގައި ކުރިއަށްދާ ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް-ސޮލިއުޝަންގައެވެ.
މި ކޮންފަރެނސްގައި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ކުރެއްވި ތަގުރީރުގައި ފަލަސްޠީނުގައި އިސްރާއިލުން ގަސްދުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލު އާންމު ނިންމުމަކަށް ގެނެއުމަށް ޑިޕްލޮމެސީ އާއި މަލްޓިލޭޓަރަލިޒަމްގެ އުޞޫލުތައް އިސްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލައްވާފައެވެ.
ހަމަމިއާއެކު 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާ، މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެ، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން އިން ދަ ނިއަރ އީސްޓް (އަންރުވާ) އިން ފޯރުކޮށްދޭ އެހީތެރިކަން ދެމިއޮތްކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން، ވީ މިންވަރަކުން ރާއްޖެ އިން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި އެ މަޖިލީހުގެ ޤަރާރު ނަންބަރު A/RES/79/81 އިން ލާޒިމުކުރި މި ކޮންފަރެންސްގެ މަގުސަދަކީ ކުއެސްޝަން އޮފް ޕަލަސްޓައިން އާއި ޓޫ ސްޓޭޓް-ސޮލިއުޝަންއާ ގުޅިގެން އ.ދ. އިން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކުރަމަށް ބާރުއެޅުމެވެ.
މި ކޮންފަރެންސް ޗެއަރ ކުރައްވަނީ ފްރާންސް އަދި ސަޢުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުންނެވެ. މެދުއިރުމަތީގެ ހާލަތު ގޯސްވުމާ ގުޅިގެން މި ކޮންފަރެންސް ވަނީ ޖޫން މަހުގެ މެދުކަނޑާލާފައެވެ. މި ކޮންފަރެންސް ކުރިއަށް ދިޔައީ ޖުލައި 28 އިން 30 އަށް އެމެރިކާގައެވެ.