ރާއްޖޭގެ 6 ރަށެއްގެ ސިއްހީ މަރުކަޒު އާބާތުރަ ފިލުވުމަށް އަމިއްލަ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ހަތަރު އަތޮޅެއްގެ ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުން އަމިއްލަ ކުންފުނިތަކަކާ ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ޒާހިރެވެ.
ހއ. ވަށަފަރާއި އެއަތޮޅު ތުރާކުނު ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއެވެ. ވަށަފަރު ސިއްހީ މަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ އަދި ތުރާކުނު ސިއްހީ މަރުކަޒުގެ މަސައްކަތަށް 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން އަންދާޒާކުރައްވައެވެ.
ށ. ޅައިމަގު ސިއްހީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ. އަދި ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ "ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" އާ އެވެ. މި ތިން ރަށުގެ މަސައްކަތަށް ޖުމްލަ 13.9 މިލިއަން ރުފިޔާ ހަރަދުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މި މަޝްރޫއުގެ ދަށުން ހުރިހާ ސިއްހީ މަރުކަޒުތަކެއްގައި ވެސް އައު ވޯޑުތަކާއި ލެބޯޓްރީތަކާއި، ނަރސް ސްޓޭޝަންތަކާއި، ޕްރޮސީޖަރ ރޫމްތަކާއި ސްޓޯރ ރޫމްތައް ގާއިމްކުރާނެއެވެ.