ޣައްޒާ ބަނޑަށް މަރުވަނީގެ ނަމުގައި ކަނބަލުންގެ އިހުތިޖާޖެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިސްރާ ޖަމްއިއްޔާ އިން ހާމަކޮށްފިއެވެ.
އެ ޖަމްއިއްޔާ އިން ބުނީ މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:15 ގައި ރަސްފަންނު ސަރަހައްދުގައި ކަމަށެވެ.
ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ދެ މިލިއަނަށް ވުރެ ގިނަ ރައްޔިތުން ބަނޑަށް ޖައްސައި، ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ފިއްތުންތައް ކުރިމަތިވުމުން، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުސަތު ޔަހޫދީ ސަހުޔޫނީ ޣައިރު ގާނޫނީ ދައުލަތުން ވަނީ ދީފިއެވެ. ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ކާނާ އަޅަމުންދާއިރު، ޣައްޒާއަށް ރައްކާތެރިކަމާއެކު އެހީ ވެއްދޭނެ އިތުރު މަގުތަކެއް ހުޅުވައިލުމަށް ވެސް ޔަހޫދީން ވަނީ ނިންމާފައެވެ.
ޔަހޫދީންގެ އަނިޔާވެރިކަމުގެ ސަބަބުން ޣައްޒާގައި ކާޑުބަލިޖެހިގެން ޝަހީދުވި މީހުންގެ އަދަދު 130 އަށް އަރާފައިވާއިރު، އޭގެތެރޭގައި 85 ކުޑަކުދިން ވެސް ހިމެނެއެވެ.
ހަނގުރާމަ މެދުކަނޑާލާކަމަށް ބުނުމަށް ފަހު، ޔަހޫދީން އަންނަނީ އެ ރައްޔިތުން ޝަހީދުކުރަމުންނެވެ.