ހަކުރު ބައްޔަށް މައުލޫމާތު ދިނުމާއި ސްކްރީނިންގ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނަންގަވައިދެއްވީ ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިންނެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި ހަކުރު ޗެކްކުރުމާއި ބްލަޑް ޕްރެޝަރު ބެލުމާއި އިސްކޮޅާއި ބަރުދަން ބެލުން ހިމެނެއެވެ. އަދި ހަކުރުބައްޔާ ގުޅޭ އެކި މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މީގެއިތުރުން ބަލީގެ އަލާމާތްތަކާއި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ބައްޔަށް ފަރުވާކުރަމުން އަންނައިރު، މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
ހަކުރު ބައްޔަކީ ހަށިގަނޑުގައި ނުވަތަ ލޭގައި ގުލްކޯޒް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުމުންޖެހޭ ބައްޔެކެވެ. މިބަލި ޖެހެނީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ އިންސިއުލިންގ ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުން ނުވަތަ އެ އިންސިއުލިންގ މަސައްކަތް ނުކުރުމުންނެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ހަކުރުގެ މިންވަރު އިތުރުވެއެވެ.
މި ބަލި ހުންނަ މީހަކު އާއިލާގައި ހުންނަ ނަމަ އެބަލި އާއިލާގެ އެހެން މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑެވެ. ހަކުރު ބަލި ގިނައިން ފެންނަނީ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ނަމަވެސް ޒުވާނުންނާއި ކުޑަކުދިންނަށްވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި މާބޮޑަށް ހަށިގަނޑު ބަރުވުން ނުވަތަ ފަލަވުން ހިމެނެއެވެ. އަދި ދިރިއުޅުމުގެ އާދަތައް ހުންނަގޮތުންވެސް މި ބައްޔަށް މަގުފަހިވެއެވެ. އެގޮތުން މާގިނައިން ކެއުމާއި، ހެލިފެލިވެ ނުއުޅުމާއި، މާގިނައިން ފިކުރުބޮޑުވެ ހާސްވެ ކަންބޮޑުވުމާއި، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމަކީ ވެސް ހަކުރު ބަލިޖެހުމަށް މަގުފަހިވާ ކަންކަމެވެ.