ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަކިކޮށްފިއެވެ.
އޭނާ ވަކިކޮށްފައި މިވަނީ ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓެއް ލީކުވި މައްސަލަ ފުލުހުން ބަލަން ފަށާފައިވަނިކޮށްނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އެކަން އިއުލާން ކުރައްވާފައެވެ. ވިދާޅުވީ މާލިއްޔަތު ކޮމެޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަކަށް ޝުޖާއު ބަދަލުކުރައްވާފައިވާ ކަމަށް ވެސް އިއުލާންކުރެއްވިއެވެ.
ޑޮލަރުގެ މައްސަލައިގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެ ކޮމިޓީއަށް ޝުޖާއު ހާޟިރު ކުރަން މިއަދު 11 ޖަހާއިރަށް ވަނީ ތަވާލުކޮށްފައެވެ.
ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާ މުއާމަލާތަކާއި ގުޅޭ މައްސަލަ ފުލުހުން ބަލަން ފެށީ އެފްއައިޔޫގެ ރިޕޯޓު މީސްމީޑިއާގައި ލީކުކޮށްލި ފަހުންނެވެ.