ޚަބަރު ރާއްޖެ

ކޮމެޓީގެ ރުހުން ޣަނީ އަށް ދީފި

ފޮޓޯ: މަޖިލިސް އިދާރާ

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުން ދީފިއެވެ.

 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލުމުން ކުރިމަތިލައްވާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނާއި ފެމިލީ ކޯޓުގެ ގާޟީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޟީ އަބްދުﷲ މުހައްމަދެވެ.

 

ރައީީސް ޑރ. މުޙައްމަދު މުޢިއްޒު، މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވެސް އެމަގާމަށް ޣަނީ އައްޔަންކުރެއްވުމަށް ޖޭއެސްސީން އެމަނިކުފާނަށް ވަނީ ލަފާދެއްވާފައެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހްމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓައަރ ކުރެއްވުމުންނެވެ.

 

އަލްއުސްތާޛު ޣަނީ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މަދަނީ ކޯޓުގެ ގާޟީގެ މަގާމު ވެސް ފުރިއްވާފައިވާ ޣަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެއްވީ 2004 ވަނަ އަހަރުގެ މާރޗު 14 ވަނަ ދުވަހުއެވެ. އަދި 21 ސެޕްޓެމްބަރު 2008 އިން ފެށިގެން 26 އޭޕްރީލް 2011  އަށް ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމު ވެސް ވަނީ އަދާކުރައްވާފައެވެ.

 

އެމަނިކުފާނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވީ 2018 ވަނަ އަހަރުގެ ޖޫން 28 ގައެވެ. އަދި އެމަގާމުން 2019 ވަނަ އަހަރު ވަކިކުރައްވާފައިވާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނު ކުރައްވާފައިވަނީ ފައިބެއަހަރުއެވެ.

 


  • ޖޭއެސްސީ
  • ސްޕްރީމް ކޯޓު
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް