ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް މި މަހު ފުރާ ކުދިންނާ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ބައްދަލުކުރައްވައިފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ސަރުކާރުގެ މުހިއްމު ސިޔާސަތެއްގެ ގޮތުގައި ރާއްޖެއިން ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމާއި ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުން ވަނީ ހިމަނާފައެވެ. އަދި މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ވެސް ނިންމާފައި ވެއެވެ.
އެގޮތުން މިއަހަރު ކަނޑައަޅާފައިވާ 10 ކުދިންގެ ތެރެއިން 3 ކުއްޖަކު މިދިޔަ އޭޕްރީލް މަހު ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، ބާކީ ތިބި 7 ކުދިން މިމަހު ފޮނުވުމަށް މިހާރުދަނީ މަސައްކަތްކުރަމުންނެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. މިކަމަށްޓަކައި ހެލްތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީން 2024 ވަނަ އަހަރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
ރާއްޖެއަކީ އަބާދީގެ ނިސްބަތުން ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ގައުމުކަމަށްވާއިރު، މާލެ ސަރަހައްދުގައި ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އަދި ތެލަސީމިއާ ކުދިންގެ އާބާދީ ކޮންޓްރޯލްކުރުމަށް ސްކޫލް ނިމޭ ހިސާބުން ކޮންމެ ކުއްޖަކީ ވެސް ތެލަސީމިއާ އަށް ޓެސްޓުކުރެވިފައިވާ ކުއްޖަކަށް ހެދުމަށް ނިންމާ އެމަސައްކަތް ވެސް ވަނީ ފަށާފައެވެ.