ޚަބަރު ރާއްޖެ

އެސްއޯއީ ކޮމެޓީން ވެސް ޝުޖާއު ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން އިބްރާހިމް ޝުޖާއު ވަކިކޮށްފިއެވެ.

 

ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޝުޖާއު އަކީ އެކޮމިޓީގެ މުގައްރިރު ވެސް މެއެވެ. އަދި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް މީގެކުރިން ވަކިކޮށްފައެވެ.

 

ޝުޖާއު މި ދެ ކޮމެޓީން ވަކިކޮށްފައި މިވަނީ އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކެއްގެ މައްސަލަ ފެންމަތިވެފައިވަނިކޮށްނެވެ. އަދި އެކަމާއިގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓެއް ލީކުވި މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

 

މަޖިލީހުގެ އިއްޔެ ޖަލްސާގައި ރިޔާސަތުން ވިދާޅުވީ މާލިއްޔަތު ކޮމެޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަކަށް ޝުޖާއު ބަދަލުކުރައްވާފައިވާ ކަމަށެވެ.

 

ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާ މުއާމަލާތަކާއި ގުޅޭ މައްސަލަ ފުލުހުން ބަލަން ފެށީ އެފްއައިޔޫގެ ރިޕޯޓު މީސްމީޑިއާގައި ލީކުކޮށްލި ފަހުންނެވެ.

 


  • މަޖިލިސް ރައީސް
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް