ޚަބަރު ރާއްޖެ

އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށް ރާއްޖެއިން ގޮވާލައިފި

އިސްރާއީލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

 

ރާއްޖެއިން މިފަދައިން ގޮވާލާފައި މިވަނީ އިސްރާއީލު އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދާނެ ކަމަށް އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ނެރުއްވި ބަޔާނުގައެވެ.

 

އެ ބަޔާނުގައި ރާއްޖެއިން ވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް އިސްރާޢީލުން ހާމަކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާ މުޅިން ހިލާފު ކަމެއް ކަމުގައި ވެސް ފާހަގަކުރައްވާފައެވެ. އަދި  ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއްކަމަށާއި ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމުގައި ވެސް ސިފަކުރައްވާފައި ވެއެވެ.

 

"ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައަށް އިސްރާއީލުގެ މި ނިންމުން ތަންފީޒު ކުރަން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލަމެވެ."

 

މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަން މި ބަޔާނުގައި ވެސް ތަކުރާރުުކުރައްވާފައި ވެއެވެ.

 

ހަމަމިއާއެކު މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްޠީނު ދައުލަތެއް ގާއިމްކުރެވިގެންކަމުގައި ރާއްޖެއިން ދެކޭ ކަމުގައި ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

 


  • އިޒްރާއީލް
  • ފަލަސްތީން
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް