ބ. މާޅޮސް، ހިތާދޫ އަދި ދޮންފަނު ސިއްހީ މަރުކަޒު އިމާރާތްކުރަން ފެނަކައާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެމްބަރު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތްކުރުން ހަވާލުކުރީ 33.7 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އަދި މާޅޮހު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުން 12.1 މިލިއަން ރުފިޔާއަށް ހަވާލުކުރީ 545 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މީގެއިތުރުން ދޮންފަނު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް 545 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، އަގަކީ 12.1 މިލިއަން ރުފިޔާއެވެ.