ޚަބަރު ރާއްޖެ

ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ޒުވާނުން ބާރުވެރިކުރުވުމަށް ރައީސް ގޮވާލައްވައިފި

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ޒުވާނުން ބާރުވެރިކުރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

 

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި 'އެކްސް' އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ޒުވާނުންގެ އަޑު އަހައި، ދޭސީ މުޖުތަމައުން ފެށިގެން، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކާއި އެނޫންވެސް ހުރިހާ މަރުހަލާއެއްގައި، ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރިކުރުމަށް ވެސް ގޮވާލައްވާފައެވެ.

 

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި މި ޕޯސްޓުގައި ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް ކުރިއަރުވައި، ޒުވާނުންގެ މުސްތަގުބަލް ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް ވެސް ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

 

މީގެއިތުރުން މިއަދުގެ ޒުވާނުންގެ އަޑުތައް ގަދަވެ، އެކި ސަރަހައްދުތަކާއި ރަށްރަށުގައި އެންމެން ޝާމިލުވާ، ނަތީޖާ ހާސިލުވާފަދަ މަޝްވަރާތަކަށް މަގުފަހިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އުމުރަކީ ތަފާތެއް ދެއްކުމަށް އޮތް ހުރަހެއް ނޫންކަން ދިވެހި ޒުވާނުން ސާބިތުކޮށްދެމުން އަންނަކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

 

2030 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އާބާދީގެ 57 އިންސައްތައަކީ ޒުވާނުން ކަމަށް އަންދާޒާކޮށްފައިވާއިރު، ނިންމުންތައް ނިންމުމުގެ ދައުރު އަދާކުރުމުގެ ބާރު ޒުވާނުންނަށް ދިނުމުގެ މުހިންމުކަން، އިހުނަށްވުރެ ބޮޑު ވެފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



ޒުވާނުންގެ ސިޔާސަތުތައް، ފުޅާ ދާއިރާއެއްގައި ތަރައްގީގެ ޕްލޭންތަކާ ގުޅާލުމާއި، ޕާޓްނަރޝިޕްތައް ބިނާކޮށް، ހިޔާލުތައް ހައްލުތަކަށް ބަދަލުކޮށް، ގައުމީ ކުރިއެރުން ބައްޓަންކުރުމުގައި ޒުވާނުންނަށް ސީދާ ދައުރެއް ހޯދައިދިނުމަށް ފަރުމާކުރެވިފައިވާ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މައްޗަށް ވެސް އެ ޕޯސްޓުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

 

ހަމަމިއާއެެކު ހުނަރު ތަރައްގީކުރުމާއި މަޝްވަރާކުރުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ "ޒުވާނުންގެ ތަރޑް ސްޕޭސް" އަކީ ޒުވާނުންގެ ދުޅަހެޔޮކަމާއި ޝާމިލު ކުރިއެރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ތަނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

ވަސީލަތްތައް ތަނަވަސްވެ، ހަރުދަނާ ޑިޖިޓަލް އިގުތިސާދެއް ގާއިމުކޮށް، ޒުވާން އާއިލާތަކަށް ބޯހިޔާވަހިކަމުގައި އިސްކަންދީ، ޒުވާނުންގެ ހިޔާލުތައް މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ، ތަނަވަސް މުސްތަގުބަލަކަށް ބަދަލުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯއްދަވައިދެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

 

ޒުވާނުންނަކީ ބަދަލުގެ އެޖެންޓުންގެ ގޮތުގައި ބަލައިގަނެ، ތަރައްގީގެ ރޮނގުން ކުރާ މަސައްކަތްތަކުގެ ތަފާތުކަން ފާހަގަކޮށް، އެޒުވާނުންނަށް މަންފާތައް ލިބޭ އެންމެން ޝާމިލުވާ ފަދަ މާހައުލެއް ގާއިމުކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގައި މި މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

 

 


  • ޔޫތް މިނިސްޓްރީ
  • ޔޫތް އެޑްވައިޒަރީ ބޯޑު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް