ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މިއީ އެ މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްގީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން މި އަހަރު ކުރިއަށްގެންދާ ދެވަނަ އަސާސީ މެރިކަލްޗަރ ކޯސް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އޮކްޓޯބަރ 18 ން 30 އަށް ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ. އަދި 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމު އޮންނާނީީ މާލެ އަތޮޅު މަނިޔަފުށީގައި ކަމަށް ވެސް ވިދާޅުވެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 15 ފަރާތަކަށް ހުޅުވާލާފައިވާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކަށް ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ހުށަހެޅުމަށް ވަނީ އެދިފައެވެ.
ފޯމު އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށް ކަމަށާއި 15 ފަރާތަަށް ވުރެ އިތުރަށް ބައިވެރިން އެދިފައިވާނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.