ޚަބަރު ރާއްޖެ

"ވިޜަން އޮފް ގްރޭޓަރ އިޒްރޭލް" އަށް ރާއްޖެއިން އިންކާރު

އިސްރާއީލުން ފަލަސްތީނުގައި ހިންގާ އުދުވާނަށް ރާއްޖޭގައި ނުރުހުން ފާޅުކުރަނީ - ފޮޓޯ: ކުޑޭ

އިޒްރޭލުގެ އިސްތިއުމާރީ ސަރުކާރުން "ވިޜަން އޮފް ގްރޭޓަރ އިޒްރޭލް" ގެ ނަމުގައި އިއުލާނުކުރި އިޒްރޭލުގެ ވަޒަންވެރިކަމުގެ އަދި އާބާދީ އިތުރުކުރުމުގެ ތަސައްވުރަށް ރާއްޖެއިން އިންކާރުކޮށްފިއެވެ.

 

މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ އެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ހާމަކުރައްވާފައެވެ. އަދި މިފަދަ ތާކުންތާކު ނުޖެހޭ ބަޔާންތައް ނެރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ޢަމަލެއްކަން ވެސް ވިދާޅުވެފައި ވެއެވެ.

 

މީގެއިތުރުން އެއީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް "ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން" ނުވަތަ މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިގުތިސާދީ، އިޖްތިމާއީ އަދި ސަގާފީ ކުރިއެރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ހައްގަށް އަރައިގަތުމުގެ ޢަމަލެއް ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

 

މިއާއެކު ރައީސް ވަނީ ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ، އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ފަލަސްތީނު ރައްޔިތުން ތަހަންމަލު ކުރަމުންދާ ދަތި ހާލަތުން މިންޖުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފައެވެ.

 

ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށާއި އެގައުމަށް އިންސާފުވެރި، ފުޅާ އަދި ދާއިމީ ސުލްހައާއި ހަމަޖެހުމަށް އެދި މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސްގެ ޕޯސްޓުގައި ވަނީ ތަކުރާރުކުރައްވާފައެވެ.

 

 


  • އިޒްރާއީލް
  • ފަލަސްތީން
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް