ޣައްޒާގެ ހައްގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑުއެއްވުމެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ސުލްހައަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އެކްޓިވިސްޓުންގެ ޖަމާއަތެއްކަމަށްވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ބާއްވާ އެއްވުމެކެވެ. އަދި މި އެއްވުން ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މި ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވާއިރު، މާލޭގައި މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމުންނެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ފަންސާހަށް ވުރެ ގިނަ ރަށުގައި ވެސް މި އެއްވުން އޮންނާނެކަމަށް ވަނީ މައުލޫމާތު ދީފައެވެ.
މި އެއްވުން އިންތިޒާމްކުރަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިސްވެ އޮވެ، ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކާއި އާއްމުން ބައިވެރިވާ ހާއްސަ ސްޓިރިއަރިންގ ކޮމިޓީއަކުންނެވެ.
ސްޓިއަރިންގ ކޮމިޓީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެއްވުމުގައި ޔަހޫދީ ސިފައިން ޣައްޒާގެ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލައި ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރުން އޮންނާނެއެވެ.
އެފަރާތުން ވަނީ މި ސުލްހަވެރި އެއްވުމުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެ، މިކަމުގައި ދިވެހިންގެ އެއްބައިވަންތަކަން ދެއްކުމަށް އެދިފައެވެ.