މިނިވަން މުސްތަގިއްލު ފަލަސްތީނެއް ގާއިމުކުރުމަށް ގޮވާލާ ދިވެހީންގެ ބޮޑު އެއްވުމެއް ބާއްވައިފިއެވެ.
"ގައުމީ ބޮޑު އެއްވުން" ނަމުގައި މާފަންނު ދަނޑުގައި ބޭއްވި މި ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.
މިއީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އިސްވެ، ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްއިއްޔާ ޖަމާއަތްތަކާއި އެހެނިހެން ފަރާތްތައް އެކުވެގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިއެއްވުމުގައިވަނީ ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. އަދި ޣައްޒާއަށް އެހީފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކުރުމަށާއި މިނިވަން މުސްތަގިއްލު ފަލަސްތީނެއް ގާއިމުކުރުމަށް ބައިވެރިން ގޮވާލާފައި ވެއެވެ.
މި ހަރަކާތް ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން 50 ރަށަކުން ވެސް ބައިވެރިވެފައެވެ. މިއީ މިހާތަނަށް ފަލަސްތީނުގެ ހައްގުގައި ބޭއްވި އެންމެ ބޮޑު އެއް ހަރަކާތެވެ. މިހަރަކާތް ނިންމާލީ ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރުދެއްވުން އެދި ކުރި ހާއްސަ ދުޢާއަކުންނެވެ.