ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރަކަށް މުޙައްމަދު ޝަފީގު މަޙުމޫދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެކޮމިޝަނަށް ދެ މެމްބަރުން އައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ އެ ކޮމިޝަންގެ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ މަގާމުގެ މުއްދަތު އަންނަމަހުގެ 8 ވަނަ ދުވަހަށް ހަމަވާތީއެވެ.
އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް، މަޖިލީހަށް ނަން ފޮނުއްވެވީ އާންމުކޮށް އިއުލާންކުރުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ އާއި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުގެ ނަމެވެ. އެއީ އެމަގާމަށް ކުރިމަތިލެއްވި ޝަރުތުހަމަވާ ފަރާތްތަކުގެތެރެއިން އެމަނިކުފާނަށް ފެނިވަޑައިގެންނެވި ދެ ފަރާތެވެ.
މި މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއު ކުރައްވައި، މާކްސް ދެއްވާފައިވާއިރު، ޝަފީގަށް ވަނީ 75 އިންސައްތައަށްވުރެ މަތީން މާކްސް ލިބިފައެވެ.
އެޗްއާރުސީއެމަށް ޝަފީގު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ އާންމުކޮށް އިއުލާންކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތައް މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާއެވެ.