ޚަބަރު ރާއްޖެ

އެއީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް: ރައީސް ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރ ޢަބްދުލްޙަންނާނު އަބޫބަކުރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މީޑިއާ ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

 

'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވަނީ އެއީ ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުން އަންނަ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ ބިލެއްކަން ވެސް ފާހަގަކުރައްވާފައެވެ. އަދި އެ ބިލު އަނބުރާ ގެންދިއުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.

 

" އެއީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލެއް. އެއީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއް."

 

ހަންނާނު ވަނީ ފައިބެއަހަރުވެސް މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެކަމަކު ގިނަ ޕްރެޝަރުތަކެއްގެ ސަބަބުން ބިލު އަނބުރާ ގެންދެވީއެވެ.

 

މިފަހަރު އެ ބިލު ފަރުމާކޮށްފައިވާއިރު، މީޑިއާ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލުގެނެސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނާއެކު ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ބިލުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނަށް މަޖިލީހުން ރުހުން ހޯދަން ޖެހޭގޮތަށް ކަނޑައަޅާފައިވާއިރު، މީޑިއާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބަކުން ކަމުގައި ބިލުގައި ވެއެވެ.

 

ހަމަމިއާއެކު ކުރީގެ ބިލުގައި ވެސް އޮތްގޮތަށް ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށާއި އެހެންނަމަވެސް ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމެއް ނުކުރެވޭނެކަމަށް ބަޔާންކޮށްފައި ވެއެވެ.

 

މި ބިލުގައި ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 25،000  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

 

ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތަކެއް ހިމަނައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑިއާ ކޮމިޝަން" ބިލާއިމެދު ގިނަބައެއްގެ ކަންބޮޑުވުން ދަނީ ހާމަކުރަމުންނެވެ. އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

 


  • އެމްޖޭއޭ
  • ރައީސް ސާލިހު
  • އެމްއެމްސީ
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް