ޚަބަރު ރާއްޖެ

ކައުންސިލުގެ މުޅި ރޫހު ވެސް މީޑިއާ ބިލާ ދެކޮޅު: އެމްއެމްސީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިނުގަނެ، ބޭރުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.

 

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އޮގަސްޓް 20 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ ޖަލްސާގައި މި ބިލާއިގުޅޭގޮތުން ވަރަށްފުޅާ ދާއުރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މުޅި ކައުންސިލުގެ ރޫހު ވެސް ހުރީ އެ ބިލާއި ދެކޮޅަށް ކަމަށެވެ.

 

17 އޮގަސްޓު ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްހަންނާން އަބޫބަކުރު، ހުށަހެޅުއްވި އެބިލާއިމެދު އެމްއެމްސީގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ބިލު މިހާރު ފަރުމާކޮށްފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް ކަމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެއިރެއްގައި އޮންނަ ސަރުކަރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށް ކަމަށް ވެސް މެމްބަރުން ދެކޭ ކަމުގައި ވަނީ ބުނެފައެވެ.

 

"އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގިނަ މާއްދާތައް ހިމެނިފައި ހުރިކަން ފާހަގަކުރެވެއެވެ."

 

މީގެއިތުރުން އެ ބިލު ފަރުމާކޮށްފައި އޮތީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ގޮތަށް ނަމަވެސް، އައު ބިލުގެ ތެރެއިން ބްރޯޑްކާސްޓަރުން/ރީ-ބްރޯޑްކާސްޓަރުންނާ ގުޅޭ ހައްގުތަކާއި ނޫސްވެރިކަމާއިގުޅޭ ހައްގުތައް މަސްހުނިވެ، ޕްރިންޓް/އޮންލައިން މީޑިއާގެ ނޫސްވެރިކަމުގެ ހައްގުތަކަށް ހިޔަނި އެޅިފައިވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.

 

ނޫސްވެރިކަމުގެ ދާއިރާއަށް އިންތިހާއަށް ބޮޑު ބަދަލުތަކެއް ގެންނަން ބިލުގައި ހުށަހަޅާފައިވާއިރު، ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާއި މި ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އަމިއްލަ މެމްބަރަކު ހުށަހެޅި ކަމުގައި ވިޔަސް މިއީ ރިއާޔަތް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ކައުންސިލުން ދެކޭ ކަމުގައި ބަޔާނުގައި ވެއެވެ.

 

އެހެންކަމުން އެއްވެސް ވަރަކަށް ކައުންސިލާއި ނޫސްވެރިންނާވެސް މަޝްވާރާނުކޮށް މަޖިލީހަށް ވައްދާފައިވާ މި ބިލަށް އިތުރު ހިޔާލުތަކެއް ހުށަހެޅުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، މަޖިލީހުން މުޅި ބިލު ބަލައިނުގަތުމަށް ކަމާއިބެހޭ ފަރާތްތަކަށް ދެންނެވުމަށް އެމްއެމްސީގެ ޖަލްސާ ގައި ނިންމާފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި މި ބިލާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށާއި ކަމާއިގުޅުން ހުރި ފަރާތްތަކާއެކީ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ކައުންސިލް މެންބަރުންގެ މެދުގައި ވޯކިން ގްރޫޕެއް އެކުލަވާލުމަށް އެކުލަވާލާފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

 

ޒިންމާދާރު ނޫސްވެރިކަމުގެ ވެއްޓެއް ގާއިމުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި ނެގެހެއްޓުމަށް  މި ދާއިރާއަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކައުންސިލުން ގަބޫލު ކުރައްވާ ކަމަށާއި އެކަން ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދޭން ޖެހޭ އެއްބާރުލުން ދިނުމަށް އެމްއެމްސީ އޮތީ ތައްޔާރަށް ކަމަށް ވެސް ހާމަކުރައްވާފައި ވެއެވެ.

 

 


  • ބްރޯޑްކޮމް
  • ޕީއެންސީ
  • އެމްއެމްސީ
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް