ރާއްޖޭގެ 4 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއި ސަރުކާރުގެ ހަރަދުގައި ކުރިއަށްގެންދާ މަޝްރޫއު ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެގޮތުން ކ. މާފުށްޓާއި ތުލުސްދޫ އަދި އދ. މަހިބަދޫ އާއި އެއަތޮޅު ހަންޏާމީދޫގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމުކުރުމަށް އެންވަޔަރްމެންޓް މިނިސްޓްރީން، ކޮންޓްރެކްޓަރުންނާއކު ސޮއިކޮށްފައިވަނީ އޮގަސްޓް 20 ވަނަ ދުވަހުއެވެ.
ތުލުސްދޫ އާއި މާފުށީގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް، ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ދެ އެއްބަސްވުމުގެ އަގަކީ 5,817,947.70 ރުފިޔާއެވެ.
މަހިބަދޫގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ސަނީ ލޭންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އަގަކީ 4,269,446.82 ރުފިޔާއެވެ. ހަންޏާމީދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުުރުމަށް ހަވާލުކުރީ އެލީޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ 150 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް 4,697,103.38 ރުފިޔާއަށެވެ.
ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.
މިހަތަރު ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް އިއްޔެ ހަވާލުކުރިނަމަވެސް ކުނި މެނޭޖްކުރުމަށް މިރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިނިސްޓްރީން ވަނީ މީގެކުރިން މިރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. އޭގެތެރޭގައި ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްއާއި ދަޅުފިއްޔާ މެޝިނާއި ވުޑް ޗިޕަރ ހިމެނެއެވެ.