ދ. ކުޑަހުވަދޫ ސަރަހައްދުގައި ވަދު ކަނދުފައްޗެއް ގާއިމްކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެ ކަނދުފަތި ގާއިމުކޮށްފައިވަނީ އެ އަތޮޅު މާފުށީގެ ހުޅަނގު ދެކުނުން 6 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އަދި މި ވަދު ކަނދުފަތީގެ ނަންބަރަކީ K08V03 ކަމަށެވެ.
މި ކަނދުފަތީގެ ސަބަބުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލް މަސްވެރިންނާއި މަސްވެރިކަމުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި މަންފާއެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން އިތުރަށް ތަރައްގީކޮށް، މަސްވެރިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.