ޚަބަރު ރާއްޖެ

އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ

އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް  ރާއްޖެ އިންތިހާބުވެއްޖެއެވެ.

 

މި މަގާމަށް ހޮވިވަޑައިގެންނެވީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ.

 

މި މަގާމަށް އެކަމަނާގެ ނަން ހުށަހަޅާފައިވަނީ އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެގްރޫޕަށް ނިސްބަތްވާ ގައުމުތައް ތަމްސީލުކުރުމަށެވެ.

 

ރާއްޖެއިން އަންނަނީ ބައިނަލްއަގުވާމީ މަޝްރަހުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން ރާއްޖެއިން ވަނީ އެމަޖިލީހުގައި 2011 އިން 2013 ވަނަ އަހަރުގެ ނިޔަލަށާއި 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފައެވެ.

 

މީގެއިތުރުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާ ދައުރުގައި ވެސް ރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ. އަދި ރާއްޖެއިން ވަނީ 2013 ވަނަ އަހަރާއި 2023 ވަނަ އަހަރުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު އަދާކޮށް މަޖިލީހުގެ އެންމެ އިސް ހަރުފަތުގައި ދިވެހިރާއްޖޭގެ އިސްނެގުމާއި ބައިވެރިވުން ދައްކުވައިދީފައެވެ.

 

ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއާއި މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ޗިލޭ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އަދި ރޮމޭނިއާ ގެ ދާއިމީ މަންދޫބުންނެވެ.

 

މި މަގާމަށް ރާއްޖޭގެ ދާއިމީ މަންދޫބު ހޮވިވަޑައިގަތުމުން އެ މަޖިލީސް ހަރުދަނާ ގޮތެއްގައި ހިންގުމުގެ ގާބިލުކަމާއި ރާއްޖެއަށް އޮތް އިތުބާރާއި ޔަގީންކަން ކަށަވަރުވެގެންދެއެވެ. މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން، އިންސާނީ ހައްގުތަކުގެ ޔުނިވަރސަލިޓީ ނަގަހައްޓާ، މަލްޓިލޭޓަރަލް ނިޒާމުގެ އަސާސީ އުސޫލުތައްކަމުގައިވާ މަޝްވަރާކުރުމާއި، އެއްބާރުލުން ދިނުމާއި، އެއްބަސްވެ އިއްތިފާގުން ކަންކަން ނިންމުމުގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ކުރިއަރުވަމުންގެންދާނެއެވެ.

 


  • ޔޫއެން
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް