ޚަބަރު ރާއްޖެ

މީޑިއާ ރެގިއުލޭޝަން ބިލުގެ މައްސަލަ މިއަދުގެ ޖަލްސާއަށް!

ރައީސުލްޖުމްހޫރިއްޔާ، ތުޅާދޫ ދާއިރާގެ މެމްބަރ އަބްދުލް ހަންނާން އަބޫބަކުރު އާއެކު - ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

 

މިއަދު ބާއްވަނީ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެކެވެ. މި ޖަލްސާ ފެށުމަށް ނިންމާފައިވަނީ ހެނދުނު 9 ޖަހާއިރުއެވެ.

 

އަމިއްލަގޮތުން ވާދަކުރައްވާ، ރަައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އަބްދުލް ހަންނާން އަބޫބަކުރު، މި ބިލު ހުށަހެޅުއްވީ އޮގަސްޓް 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

 

މި ބިލާއި ގުޅިގެން ބަހުސް ކުރިއަށް ގެންދިއުން މިއަދު ތާވަލު ކޮށްފައިވާއިރު، މި ބިލާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބިލު މިހާރު ފަރުމާކޮށްފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް ކަމަށް ދަނީ ބުނަމުންނެވެ.

 

މީގެއިތުރުން އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅޭ ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

މީޑިއާ ބިލާއިގުޅިގެން ކަންބޮޑުވުންތައް ފާޅުކުރަމުން އަންނައިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށެވެ. އަދި އެއީ އެއްވެސް އިރެއްގައި ކުރެއްވި އަދި ކުރައްވާނެވެސް ކަމެއް ނޫންކަމަށެވެ. އެމަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އެކަމުގައި އޮންނަ ގޮތަކަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށާއި އެކަން މަޖިލީހުގައި ތިއްބަވާ، ވެރިކަން ހިންގަވާ ޕާޓީގެ މެންބަރުންނަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވާ ވިދާޅުވީ އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. އަދި މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.

 

ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މީޑިއާ އޮންނަންވާނީ ފުރިހަމަ މިނިވަންކަމާއެކު، ދެފުށް ފެންނަ، ޒިންމާދާރު މަސައްކަތްތަކެއް ކުރެވޭގޮތަށް ކަމަށެވެ.

 

 


  • އެމްޖޭއޭ
  • ނޫސްވެރިން
  • އެމްއެމްސީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް