'5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު'ގެ ދަށުން، ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫގައި ގަސް އިންދުމުގެ ޙަރަކާތްތައް ފެށުމާ ގުޅޭގޮތުން އެ ރަށު ކައުންސިލާ މަޝްވަރާތައް ބާއްވައިފިއެވެ.
މި މަޝްވަރާތަކުގައި ކަނޑުހުޅުދޫގައި ގަސް އިންދުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ބަދަލުކުރެވިފައިވެއެވެ. 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ޓީމުން ވަނީ އެ ރަށުގައި ގަސް އިންދުމަށް އެންމެ އެކަށީގެންވާ ސަރަހައްދުތަކާއި، ރަށުގެ ވެއްޓަށް އެންމެ އެކަށީގެންވާ ގަސްތަކުގެ ބާވަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން ރަށުގެ ރައްޔިތުންނާއި ސްކޫލްތަކުގެ ދަރިވަރުން އަދި އަމިއްލަ ޖަމާއަތްތަކުގެ ބައިވެރިވުން މި މަސައްކަތަށް ހޯދުމާ ބެހޭގޮތުން ވެސް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ.
މި މަޝްވަރާތަކަށްފަހު، ކަނޑުހުޅުދޫ ކައުންސިލާއި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ޓީމުން ގުޅިގެން، ވަރަށް އަވަހަށް ގަސް އިންދުމުގެ ޢަމަލީ މަސައްކަތްތައް ފަށާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. މި މަސައްކަތުގައި ރަށުގެ ހުރިހާ ފަރާތްތަކުން ބައިވެރިވެ، މި މުހިންމު މަޝްރޫޢަށް އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ކުރިއަށްގެންދަވާ މި ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ފެހިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.