ޚަބަރު ރާއްޖެ

މީޑިއާ ރެގިއުލޭޝަން ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ކުރަނީ

ފޮޓޯ: އެމްޖޭއޭ

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް "މީޑިއާ ރެގިއުލޭޝަން ބިލް" އާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

 

ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީ ނޫސްވެރިން އިހުތިޖާޖު ކުރަމުންދާއިރު، މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި، މިހާރުކުރިއަށްދާ ޖަލްސާގައި އެ ބިލަށް ދަނީ ބަހުސްކުރަމުންނެވެ.

 

ނޫސްވެރިންގެ ޝުއޫރުތައް ފާޅުކޮށްފައިވާ ބޯޑުތައް ހިފައިގެން، މަޖިލިސް ކައިރީ ތިބެ އިހުތިޖާޖުކުރަމުން އަންނައިރު، އެ ބިލު ބަލައި ނުގަނެ ބޭރުކޮށްލުމަށް އަންނަނީ ގޮވަމުންނެވެ. އަދި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަން ފުރުސަތު ނުދޭނޭ ކަމަށް ވެސް ދަނީ ގޮވާމުންނެވެ.

 

އަމިއްލަގޮތުން ވާދަކުރައްވާ، ރަައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އަބްދުލް ހަންނާން އަބޫބަކުރު، މި ބިލު ހުށަހެޅުއްވީ އޮގަސްޓް 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

 

މި ބިލާއި ގުޅިގެން ބަހުސް ކުރިއަށް ގެންދިއުން މިއަދު ތާވަލު ކޮށްފައިވާއިރު، މި ބިލާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބިލު މިހާރު ފަރުމާކޮށްފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް ކަމަށް ދަނީ ބުނަމުންނެވެ.

 

މީގެއިތުރުން އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅޭ ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

މީޑިއާ ބިލާއިގުޅިގެން ކަންބޮޑުވުންތައް ފާޅުކުރަމުން އަންނައިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށެވެ. އަދި އެއީ އެއްވެސް އިރެއްގައި ކުރެއްވި އަދި ކުރައްވާނެވެސް ކަމެއް ނޫންކަމަށެވެ. އެމަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އެކަމުގައި އޮންނަ ގޮތަކަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށާއި އެކަން މަޖިލީހުގައި ތިއްބަވާ، ވެރިކަން ހިންގަވާ ޕާޓީގެ މެންބަރުންނަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވާ ވިދާޅުވީ އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. އަދި މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.

 

ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މީޑިއާ އޮންނަންވާނީ ފުރިހަމަ މިނިވަންކަމާއެކު، ދެފުށް ފެންނަ، ޒިންމާދާރު މަސައްކަތްތަކެއް ކުރެވޭގޮތަށް ކަމަށެވެ.

 

މި ބިލުގައި ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި މީޑިއާތަކުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބެއެވެ.

 


  • ނޫސްވެރިން
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް